ލައިފްސްޓައިލް

ގުޅިފައިވާ ދެބެން: މައިންބަފައިން އަޅާނުލިޔަސް ތައުލީމީ ރޮނގުން ކުރީގައި

އިންޑިއާގެ ހައިދަރުއާބާދުގައި ދިރިއުޅޭ ގުޅިފައިވާ އެއްމާބަނޑު ދެބެންނަށް ދިރިއުޅުން ފަސޭހަ ކަމަކަށް ވާނެ ކަމަކަށް އެ ދެބެން ފެނުނު އެއްވެސް މީހަކު ނުބުނާނެ އެވެ.

ބޮލުން ގުޅިފައިވާ މި ދެބެން ދިރިއުޅޭނެ ހިތްދަތި ގޮތް އިހްސާސް ކުރެވޭނީ އެ ދެބެން ފެންނަ ބަޔަކަށެވެ. ނަމަވެސް ގުޅިފައިވުމަކީ އެ ދެބެން ތައުލީމު ހާސިލުކުރުމަށް އޮތް ހުރެއްގެ ގޮތުގައި އެ ކުދިން ނުދެކެ އެވެ. އަދި އެކުދިންގެ ހާލާ މެދު ރޮއިރޮއި ގޭގައި ތިބޭކަށް ވެސް އެކުދިން ބޭނުމެއް ނޫނެވެ. އެހެންވެ މޮޅަށް ކިޔަވައިގެން މި ދެބެން ވަނީ 12 ވަނަ ގްރޭޑްގެ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސް ވެފަ އެވެ.

ވީނާ އާއި ވާނީ ނަމަކަށް ކިޔާ މި ދެބެން ބައިވެރިވި އިމްތިހާނު މިދިޔަ މޭ މަހު ބާއްވާފައިވާއިރު ނުވަ ލައްކަ ކުދިން އިމްތިހާނު ހަދާފައި ވެއެވެ. މި ނުވަ ލައްކަ ކުދިންގެ ތެރެއިން އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވި ކުދިންގެ ތެރޭގައި ވީނާ އާއި ވާނީ ހިމެނެ އެވެ. ވީނާ އަށް 1000 މާކްސް އަކުން 712 މާކްސް ލިބިފައިވާއިރު ވާނީ އަށް 707 މާކްސް ލިބުނެވެ. މިހާރު އެކުދިންގެ އަމާޒުހުރީ ޗާޓާޑް އެކައުންޓެންޓްކަން ކިޔެވުމަށެވެ.

މި ކުދިން އިމްތިހާނު ހެދިއިރު ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ލިބޭ އިނާޔަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބުނެވެ. މި އިނާޔަތްތައް އެ ކުދިން ހޯދިނަމަ އިމްތިހާނު ހެދި އެހެން ކުދިންނަށް ލިބުނު ވަގުތަށް ވުރެ ގިނަ ވަގުތު މި ކުދިންނަށް އިމްތިހާނު ހަދަން ލިބުނީހެވެ. ނަމަވެސް އެކުދިން އެގޮތް ބޭނުން ނުވީ އެވެ. އަދި ގަޑިޖެހެން ފަސް މިނިޓް ހުއްޓާ މި ކުދިން ވަނީ އިމްތިހާނު ހަދާ ނިންމާފަ އެވެ.

ވީނާ އާއި ވާނީގެ މި ކާމިޔާބުގެ ސަބަބުން އިންޑިއާ ސަރުކާރުން ވަނީ އެ ކުދިންނަށް ހިލޭ މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދޭނެކަމަށް ބުނެފަ އެވެ.

ތެލަންގަނާގެ މެހެބޫބްނަގަރް ޑިސްޓްރިކްޓްގައި ދިރިއުޅޭ ވީނާ-ވާނީ އުފަންވީ 2003 ވަނަ އަހަރު އެވެ. އުފަންވުމާއެކު މި ދެބެންގެ މައިންބަފައިން އެކުދިން ގަބޫލުކުރަން ދެކޮޅު ހެދި އެވެ. ސަބަބަކީ އެ ކުދިން ބެލެހެއްޓޭނެ މާލީ ތަނަވަސްކަން ނެތީމަ ކަމަށް އެ ކުދިން ދޫކޮށްލަމުން އެކުދިންގެ މައިންބަފައިން ބުނެފައި ވެއެވެ.

އުމުރުން 12 އަހަރު ފުރެންދެން މި ކުދިން ގެންގުޅުނީ އެ ހިސާބުގައި ހުންނަ ނީލޯފަރު ހޮސްޕިޓަލުގަ އެވެ. އޭގެ ފަހުން ސަރުކާރުގެ ކުޑަކުދިންގެ ހިޔާ އަކަށް ބަދަލުކުރީ އެވެ.

މި ކުދިން ސާޖަރީ ހަދައިގެން ވަކި ނުކުރެވޭނެ ކަމަށް އެ ކުދިން ބެލި ވަރަށް ގިނަ ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ސަބަބަކީ އެ ކުދިންގެ ބޮލުގެ ނާރުތައް ގުޅިފައިވާތީ އެވެ.