ރާއްޖޭގެ މޫސުން ގޯސްވެ 11 އަތޮޅަކަށް ޔެލޯ އެލާޓް -- ރީންދޫ ސަމާލު -- ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދެންމެ ބުނީ މިރޭ 12:00 ގެ ނިޔަލަށް ރ އަތޮޅުން ފެށިގެން ތ އަތޮޅުގެ ނިޔަލަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ. މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަދި މި އަތޮޅުތަކަށް ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ކުރީން އޮތީ ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ވައިޓް އެލާޓް -- ހުދު ސަމާލު -- ވެސް ނެރެފައެވެ. އެ އެލާޓް ނެރެފައި ވަނީ މިރޭ 11:00 ޖެހުމާއި ހަމައަށެވެ.
ރާއްޖޭގެ މޫސުން ގޯސްވެ 11 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު ހަތް އަތޮޅެއްގެ 19 ރަށަކަށް މިއަދު ވަނީ އުދަ އަރާފައެވެ. ބައެއް ރަށްރަށަށް ވަރަށް ބޮޑެތި ގެއްލުން ވަނީ ވެފައެވެ.