މިއަދު ރާއްޖޭގެ ރަށްރަށަށް އުދައަރައި އެންމެ ބޮޑު ގެއްލުމެއްވި ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލަށް ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެރަށުގެ ރައްޔިތުންގެ ހާލު އޮޅުންފިލުއްވައިފި އެވެ.
ރާއްޖޭގެ ރަށްރަށަށް މިއަދު އުދައަރައި އެންމެ ބޮޑު ގެއްލުންތަކެއްވި ކަމަށް ރިޕޯޓުކޮށްފައިވާ ގދ މަޑަވެލީގެ ހާލަތު އޮޅުން ފިލުއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގދ މަޑަވެލީ ކައުންސިލްގެ ރައީސަށް ފޯނުން ގުޅުއްވައި އެރަށުގެ ހާލަތު އޮޅުންފިލުއްވާފައި ކަމަށް ރައީސް އޮފީހުން މިރޭ ބުންޏެވެ.
މަޑަވެލީގެ ކައުންސިލްގެ ރައީސް ވަނީ އުދައެރުމުގެ ހާދިސާގައި އެރަށަށް ލިބުނު ގެއްލުންތަކާއި އަދި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަޑަވެލީގެ ގިނަ ގެތަކަކަށް ގެއްލުންތައް ލިބިފައިވާތީ އެކަމުގައި ސަރުކާރުން ރައްޔިތުންނަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަގީކަން ދެއްވިއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ގދ އަތޮޅުގެ ފަސް ރަށަކަށް ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ. އެ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ މަޑަވެއްޔަށެވެ. މުޅި ރަށް އޮތީ ގާތްގަނޑަކަށް ފެނު އަޑީގައެވެ. އެ ރަށުގެ 98 ޕަސެންޓް ގޭގެއަށް ލޮނު ވަދެ ބޮޑެތި ގެއްލުންތައް ލިބުނެވެ.
ގެތަކަށް ފެންވަނުމާއި ގުޅިގެން ހިފާ ގެންގުޅޭ ވަރަށް ގިނަ ސާމާނު ވަނީ ހަލާކުވެފައެވެ. ކަރަންޓް ސާމާނާއި އެ ނޫންވެސް ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުން ވެފައެވެ. ރަށުގެ އިންޖީނުގެ ލޮނުން ސަލާމަތް ކުރުމަށް ރައްޔިތުން ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން އެ އަތޮޅު ފަރެސްމާތޮޑާއަށްވެސް އުދަ އެރިއެވެ. މީހުން ދިރިއުޅޭ ގެއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން ހޯނޑެއްދޫ އާއި ފިޔޯރީ އަދި ރަތަފަންދޫއަށްވެސް ވަނީ އުދަ އަރާފައެވެ.
ރާއްޖޭގެ މޫސުން ގޯސްވެ ގިނަ ރަށްތަކަކަށް ދަނީ އުދަ އަރަމުންނެވެ. ހަތް އަތޮޅެއްގެ 19 ރަށަކަށް ވަނީ އުދަ އަރާފައެވެ. އެ ގޮތުން އދ ފެންފުއްޓަށް އުދައިގެ އަސަރު ވަނީ ކޮށްފައެވެ. އުދައިގެ ރާޅުތަކާއެކު ދެ ޒުވާނަކު މޫދަށް ދަމައިގަނެ ގެއްލުނެވެ. ނަމަވެސް މިހާރު އެ ދެ ޒުވާނުން ވަނީ ފެނިފައެވެ. ފަރުވާ ދެމުންދާއިރު ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ތ އަތޮޅުގެ 8 ރަށަކަށް ވަނީ އުދަ އަރާފައެވެ. އެގޮތުން ކިނބިދޫގެ 8 ގެއަކަށް ފެން ވަދެ އެކިވަރުގެ ގެއްލުން ވަނީ ވެފައެވެ. އެ އަތޮޅު ގުރައިދޫ މީހުން ދިރިއުޅޭ ހިސާބަށްވެސް އުދައިގެ އަސަރު ކޮށްފައިވެއެވެ. ނަމަވެސް ގޭގެއަށް ލޮނުގަނޑު ވަދެފައެއް ނުވެއެވެ.
ތ. ގާދިއްފުށީން 35 ގެއަކަށް ލޮނުވަދެ ގެއްލުން ވެފައިވެއެވެ. މަޑިފުށިން 60 ގެއަކަށް އުދައިގެ އަސަރުކޮށް ގެއްލުންވެފައިވެއެވެ.
އެ އަތޮޅު ދިޔަމިގިލިން ފަސް ގެއަކަށް ލޮނުވަދެ ގެއްލުންވީއިރު ވޭމަންޑޫއަށް އުދައަރައި 10 ގެއަކަށް ވަނީ ގެއްލުން ވެފައެވެ. އަދި ތިމަރަފުއްޓަށްވެސް އުދައިގެ އަސަރު ކޮށްފައިވެއެވެ. ތ. އަތޮޅު އޮމަދޫ 15 ގެއަކަށްވެސް އުދައިގެ އަސަރު ކޮށް ގެއްލުންތައް ލިބިފައިވެއެވެ.
އެންޑީއެމްއޭ އިން ބުނީ ލ އަތޮޅުން މާވަށަށް އުދަ އަރާފައިވާ ކަމަށެވެ. އެ ރަށުގެ ހަަތަރު ގެއަކަށް ވަނީ ގެއްލުންވެފައެވެ.
ގއ އަތޮޅުން ކޮލަމާފުއްޓާއި މާމެންދޫއަށްވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ.
އުދައިގެ ސަބަބުން އައްޑޫ ސިޓީގެ ރަށްތަކަށްވެސް ވަނީ ގެއްލުން ވެފައެވެ. އެންޑީއެމްއޭ އިން ބުނީ އައްޑޫ ސިޓީ މަރަދޫ 50 ގެއަކަށް ލޮނު ވަދެ އޭގެ ތެރެއިން ދެ ގެއަކުން މީހުން ބަދަލު ކުރަންވެސް ޖެހިފައިވާ ކަމަށެވެ. އެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އަދި އެ ސިޓީ މަރަދޫފޭދޫ އަށް އުދަ އަރާ ގާތްގަނޑަކަށް 30 ގެއަކަށް ވަނީ ލޮނު ވަދެފައެވެ.
ފާދިއްޕޮޅުން ކުރެންދޫއަށް ވަނީ އުދަ އަރާފައެވެ. އަދި އަތޮޅުގެ ވެރިކަން ކުރާ ނަައިފަރަށް ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެފައެވެ. ފެން ހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.