ވިއްސާރަވެ، ރާއްޖޭގެ 17 އަތޮޅަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުމީ އިންޒާރު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު މެންދުރުފަހު 2:00ގެ ނިޔަލަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ނިޔަލަށް ރީންދޫ ސަމާލު ނެރެފަ އެވެ. މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްރަށަށް އަދި ވެސް ދަނީ އުދަ އަރަމުންނެވެ.
މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި މި އަތޮޅުތަކަށް ވަރަށް ބޯކޮށް ވާރޭވެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން މިއަދު ހެނދުނު ވަނީ ޅ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވެސް ރީނދޫ ސަމާލު ނެރަފަ އެވެ.
މީގެ އިތުރުން ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވެސް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފަ އެވެ.
މި ސަރަހައްދަށް މިއަދު ހަވީރު 4:00 ޖެހުމާ ހަމައަށް މޫސުމީ އިންޒާރު ނެރެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފަ އެވެ. އަދި 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަނދާނެ ކަމަށް މެޓުން ބުނެ އެވެ.
ރާއްޖޭގެ މޫސުން ގޯސްވެ 17 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު ހަތް އަތޮޅެއްގެ 19 ރަށަކަށް އިއްޔެ ވަނީ އުދަ އަރާފަ އެވެ. ބައެއް ރަށްރަށަށް ވަރަށް ބޮޑެތި ގެއްލުން ވަނީ ވެފަ އެވެ. މިއަދު ތ. ތިމަރަފުއްޓަށާއި މަޑިފުއްޓަށް ވަނީ އުދަ އަރާފަ އެވެ. އެރަށްރަށުގައި ފެން ބޮޑުވުމުން އެމްއެންޑީއެފް އިން އިން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.