ދުނިޔެ

ތައިލެންޑް ފުލުހުންގެ 14 ވެބްސައިޓެއް ހެކްކޮށްފި

ތައިލެންޑަށް ޒިޔާރަތްކުރި އިނގިރޭސި ވިލާތުގެ ދެ ފަތުރުވެރިޔަކު މަރާލި ކަމުގެ ތުހުމަތުގައި ތައިލެންޑަށް ހިޖުރަކޮށް އެގައުމުގައި މަސައްކަތް ކުރަމުންދިޔަ މިޔަންމާގެ ދެމީހުންނަށް މަރުގެ ހުކުމް އިއްވުމާއި ގުޅިގެން ކާކުކަން ނޭނގޭ ބަޔަކު ތައިލެންޑް ފުލުހުންގެ 14 ވެބްސައިޓެއް ހެކްކޮށްފި އެވެ.

އެނޮނިމަސްގެ ފޭސްބުކް ޕޭޖުގައި ބުނީ ހެކްކޮށްލި 14 ވެބްސައިޓުގެ ތެރެއިން ނުވަ ވެބްސައިޓަށް އެކްސެސް ނުވެވޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ތައިލެންޑް ފުލުހުން ބުނީ އަންގާރު ދުވަހު އެ ވެބްސައިޓްތަކަށް ސައިބަ އެޓޭކްތަކެއް ކުރިމަތިވެފައިވާ ކަމަށާއި ވެބްސައިޓްތަކުގައި މިހާރު އާއްމުކޮށްފައި ހުންނަ މައުލޫމާތަކީ ސައްހަ މައުލޫމާތަށް ނުވާނެ ކަމަށެވެ.

"އެމީހުންނަކީ އަހަރުމެންގެ ވެބްސައިޓުތައް ހެކްކޮށް މައުލޫމާތުތައް ދަމައިގަންނަން އެންމެ އެކަށީގެންވާ ބައެއް ނޫން. މިހާރު ކުރިއަށްގެންދާ ތަހުގީގު ތަކުގެ ރިޕޯޓުތަކުން މިއީ ތައިލެންޑްގެ ބަޔަކު ކުރި ކަމެއް ނޫންކަން އެނގޭ." ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.

ފުލުހުން ބުނީ މިއީ މިޔަންމާގެ ބަޔަކު ކުރި ކަމަކަށްވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް މިއީ ކޮން ގައުމަކުން ކުރި ކަމެއްކަން އަދި ބުނަން ނޭގޭ ކަމަށެވެ.

އެނޮނިމަސްގެ ފޭސްބުކް ޕޭޖުގައި އާއްމުކޮށްފައިވާ ވީޑިއޯ އެއްގައި މާސްކެއް އަޅައިގެން ހުރި މީހަކު ވަނީ ފުލުހުންގެ ތަހުގީގުތަކާމެދު ސުވާލު އުފައްދާފަ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު މިޔަންމާގެ ޒޯ ލިން އަދި ޒޯ ހުތިން އަށް މަރުގެ ހުކުމް އިއްވީ އިނގިރޭސި ވިލާތުގެ ދެ ފަތުރުވެރިން ކަމުގައިވާ ހަނާ ވިތެރިޖް އަދި ޑޭވިޑް މިލާ މާރާލި ކަމުގެ ތުހުމަތުގަ އެވެ. އެދެމީހުންގެ ހަށިގަނޑު ފެނުނުނީ ތައިލެންޑްގެ ދެކުނުގެ ރަށެއްގެ ގޮނޑުދޮށުން 2014 ވަނަ އަހަރެވެ.