ހައްޖުގެ އަޅުކަން

ފަހު ގުރޫޕް ފުރައިފި، އަލްވަދާއު ވިދާޅުވީ ރައީސް

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފަހު ގުރޫޕް މިރޭ ފުރައިފި އެވެ.

ހައްޖުވެރީން ފުރާފައިވަނީ ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގުރޫޕް ފުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ދެވަނަ ގުރޫޕް ފުރީ 29 ވަނަ ދުވަހު އެވެ. ފަހު ގުރޫޕް މިރެ އެވެ.

ފަހު ގުރޫޕްގެ ހައްޖު ވެރީން ފުރުމުގެ ކުރީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެއާޕޯޓަށް ވަޑައިގެން ހައްޖަށް ދާ މީހުންނާއި ސަލާމް ކުރައްވާ އަލްވަދާއު ވިދާޅުވެފައެވެ.

މިއަހަރު ހައްޖަށް ފުރުސަތު ދޭ މިންވަރު މަަދުކޮށްފައިވުމުންގެ ސަބަބުން ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ. އެހެން ކަމުން ހުރިހާ ޖާގައެއް ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން އަންގައިގެން އެ ކޯޕަރޭޝަނުން ވަނީ އެ ކޯޕަރޭޝަންގެ ދަފްތަރުގައި ނެތް 100 މީހަކަށް ފުރުސަތު ދީފައެވެ. ބާކީ ހުރި 353 ޖާގައަށް ދިޔައީ ކޯޕަރޭޝަންގެ ދަފްތަރުގައިވާ މީހުންނާއި އެހީތެރިންނެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހަމަޖައްސަވާފައެވެ.

އަމީރުލްހައްޖުގެ ގޮތުގައި އައްޔަނު ކުރާ ފަރާތަކީ ދިވެހި ދައުލަތުގެ ފަރާތުން ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަ ފަރާތެވެ. މީގެ ކުރީ އަހަރުތަކުގައި މި މަގާމަށް އެކި މިނިސްޓަރުން ހަމަޖައްސައިފައިވެ އެވެ.

ކޮވިޑާ ހެދި މިދިއަ އަހަރު ހައްޖު ކުރަން ފުރުސަތު ދީފައި ވަނީ 58،745 މީހުންނަށް ކަމަށް ރަސްމީ ހިސާބުތައް ބުނެ އެވެ. ކޮވިޑް ލައިގަތުމުގެ ކުރިން ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ހައްޖުގެ ފުރުސަތު ސައުދީން ވަނީ ދީފަ އެވެ.