ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހައްޖުގެ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

Jul 13, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގަތީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ.

ރައީސް ސޯލިހް ހައްޖަށް ކުރެއްވި މިދަތުުރުފުޅުގައި މިމަހުގެ ހަތްވަނަ ދުވަހު އެމަނިކުފާނު ވަނީ ސައުދި އަރަބިއްޔާގެ މިނިސްޓާ އޮފް ކޮމާސް މާޖިދު އަލް ގަސާބީއާ ބައްދަލުކުރައްވާފަ އެވެ.

މީގެއިތުރުން ރައީސްގެ ދެކަނބަލުން ވަނީ މިއަހަރު ހައްޖަށް ދިޔަ ދިވެހި ހައްޖާޖީންނާ މިމަހުގެ 11 ވަނަ ދުވަހު މިނާގައި ބައްދަލުކުރައްވާފަ އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ އަމީރުލް ހައްޖަކަށް ހަމަޖައްސަވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.

މިއަހަރު ހައްޖަށް ފުރުސަތު ދިން މިންވަރު ވަނީ މަދުކޮށްފަ އެވެ. އެހެންކަމުން ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން ހައްޖަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންނެވިއިރު ލަންކާގެ ރައީސް ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަތުމަށް ދިވެހި ސަރުކާރުން އެހީތެރިވި މައްސަލައިގައި ސަރުކާރަށް ވަނީ ލަންކާއާއި ދިވެހި ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ނަމަވެސް މިމައްސަލައިގައި ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ރރައީސް މިރޭ ރާއްޖެ ވަޑައިގެންނެވި ވަގުތު ނޫސްވެރިން ސުވާލުކުރަން މަސައްކަތް ކުރި ނަމަވެސް އެއާޕޯޓުގައި ސެކިއުރިޓީ ވަރުދަކޮށްފައިވާތީ ނޫސްވެރިންނަށް ރައީސްގެ އަރިހަށް ދެވޭ ގޮތެއް ނުވި އެވެ.