ރާއްޖޭގެ އެކި ހިސާބަށް މިހާރު ކުރަމުންދާ ވިއްސާރަ އަންނަ އަންގާރަ ދުވަހުން ފެށިގެން އަލިވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން އަންގާރަ ދުވަހު މޫސުން އަލިވާނެ ކަމަށް ބެލެވުނު ނަމަވެސް މިއަދާއި މާދަމާ ވެސް މޫސުން ފެންނަނީ ގޯސްކޮށް ކަމަށާއި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަކަށްވެސް ބޯކޮށް ވާރޭ ވެހޭނެ އެވެ.
ވައިގެ ބާރުމިނަށް ބަލާއިރު ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ދެކުނަށް ހަތް މޭލާއި 16 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެ އެވެ. އަދި މޫސުން އެންމެ ގޯސްވާ ވަގުތު ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެ އެވެ.
ރާއްޖޭގެ ކަނޑުގެ ބޮޑު ސަރަހައްދަކު ހަ ފޫޓާއި ހަތް ފޫޓާ ދެމެދުގެ އުސްމިނުގައި ރާޅު ނަގާނެ ކަމަށް ބެލެވޭތީ މިއަދުވެސް ރާއްޖޭގެ އެކި ސަރަހައްދަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމާ ގުޅޭ މައުލޫމާތު ދުރާލާ ހޯދައިގެން ނޫނީ ދަތުރު ނުކުރުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.