ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން މަޝްވަރާތައް ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑުވެފައިވާތީ އިގްތިސޯދު ހަމައަކަށް އެޅުވުމަށްޓަކައި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ކަމާ ގުޅޭ އިދާރާތަކާއި އެހެންވެސް ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް މިނިސްޓްރީން ހިއްސާކޮށްފައެއް ނުވެ އެވެ.
ޖީއެސްޓީއަކީ އާންމުންނަށް ވިއްކާ އަސާސީ މުދަލުން ނަގާ ޓެކްހެވެ. ޓީޖީއެސްޓީ އަކީ ޓޫރިސްޓުންނަށް ވިއްކާ އަދި ޓޫރިސްޓުން ހޯދާ ހިދުމަތްތަކުން ނަގާ ޓެކްހެވެ.
ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މަޓީއާއި މަޓާޓޯ ފަދަ ޖަމިއްޔާތަކާ އެކު މަޝްވަރާކޮށްފަ އެވެ.
މަޝްވަރާތަކުގައި ބައިވެރިވި ބޭފުޅަކު އަވަސް އަށް ވިދާޅުވީ ސަރުކާރުން ހުށަހެޅީ އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވިން ފަތުރުވެރިން ރާއްޖެ އަންނަނީ ވަރަށް ދުރާލާ ބުކިންގްސް ހައްދައިގެން ކަމަށް. އެހެންވީމާ އެކަށީގެންވާ ވަގުތު ދީފައި ނޫނީ މިކަހަލަ ބަދަލެއް ނުގެނައުމަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ހުށަހެޅުން އަންނަ އަހަރު ކުރީކޮޅު ތަންފީޒު ކޮށްފިނަމަ ފަތުރުވެރިކަމުގެ ދާއިރާ އަށް ލިބޭ ގެއްލުންތަކެއް ހުންނާނެ ކަމަށާއި އެކަމާ ގުޅޭ މައުލޫމާތުތައް އެއްކުރަމުންދާ ކަމަށެވެ.
އެތައް ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށް މުދަލާއި ހިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނެއް ފާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އެވެ. އޭރު ޓީޖީއެސްޓީގެ ގޮތުގައި 3.5 ޕަސަންޓް ނެގި ނަމަވެސް އެންމެ ފަހުން 2014 ވަނަ އަހަރު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޓީޖީއެސްޓީގެ ގޮތުގައި މިހާރު 12 ޕަސަންޓް ނަގަ އެވެ.