އިނގިރޭސި ވިލާތުގެ އެންމެ ރަންކޮށްގެން ގެންގުޅޭ ކުއްޖާގެ ލަގަބު ލިބިފައިވަނީ އުމުރުން އެންމެ އެއް އަހަރުގެ ޖަރީމް އަށެވެ.
ޖަރީމްގެ މަންމަ ކެސޭ އަކްރަމް، 32، ބުނާ ގޮތުގައި އޭނާގެ ދަރިފުޅު ބޯ ތުނބަކީ ވެސް 1000 ޕައުންޑަށް ގަނެފައިވާ ޚާލިސް ރަނުން ތައްޔާރުކޮށްފައިވާ ތުނބެކެވެ. އަދި ކުއްޖާ ފެންވަރުވަނީ މާމުޔާއި ކިރުން ކަމަށާއި އެނޫން އެއްޗަކުން ފެންވަރުވަން ބޭނުން ނުވާ ކަމަށްވެސް ކެސޭ ބުންޏެވެ.
ކިތަންމެ މުއްސަނދި މީހަކަށް ވިޔަސް އެމީހުންގެ ދަރިން ކުޑައިރު މާ އަގުބޮޑު އެއްޗެތި ގަނެދީއެއް ނޫޅެ އެވެ. ނަމަވެސް ކެސޭ މުޅިން ތަފާތެވެ. އޭނާ ބުނި ގޮތުގައި ދަރިފުޅަށް އަބަދުވެސް ގަންނަނީ އެންމެ އަގުބޮޑު ޑިޒައިންގެ ހެދުންތަކާއި ގަހަނާތަކެވެ. އެގޮތުން 750 ޕައުންޑަށް ދޭ ވަސާޗޭ ފަށަކާއި 925 ޕައުންޑަށް ދޭ ޑައިމަންޑް ޖަހާފައިވާ ކެވެލިކޮޅެއް ދަރިފުޅުގެ އަތުގައި އަޅުވާފައިވާ ކަމަށްވެސް އެ ކުއްޖާގެ މަންމަ ބުންޏެވެ.
ސައުތު ޔޯކްޝަޔާގެ ޝެފީލްޑްގައި ދިރިއުޅޭ ކެސޭ ބުނި ގޮތުގައި ދަރިފުޅު ލިބުނުފަހުން އޭނާގެ ހުރިހާ ވަގުތެއް ހުއްޓިފައިވަނީ ދަރިފުޅަށެވެ. އަމިއްލަ ބޭނުމަށް ރީތި އެއްޗެއް މިހާރު ނުގަންނަ ކަމަށާއި ހުރިހާ އެއްޗެއް ވެސް ގަންނަނީ ދަރިފުޅަށް ކަމަށް ކެސޭ ބުންޏެވެ.
"އަހަރެން އަގުހެޔޮ ފިހާރަތަކުން އަންނައުނު ގަނެގެން ލާފައި ދަރިފުޅަށް ގަނެދެނީ އެންމެ އަގުބޮޑު އަންނައުނު. އަހަރެން ހެދުން ނުލާ ހުންނަން ޖެހުނަސް ދަރިފުޅަށް އަގުބޮޑު ހެދުން ގަނެދޭން ބޭނުންވޭ. އަހަރެން އަތުގައި ފައިސާ ނެތިއްޔާ ކުއްޖާގެ ބައްޕަ އަށް ގުޅައިގެން ފައިސާ ހޯދަން،" ކެސޭ ބުންޏެވެ.
ކެސޭ ބުނި ގޮތުގައި ދަރިފުޅު ލިބުމަށްފަހު އޭނާ ވަޒީފާއެއް އަދައެއް ނުކުރެ އެވެ. ދިރިއުޅުން ހަމަޖައްސަނީ ވެލްފެއާގެ ގޮތުގައި ލިބޭ ފައިސާ އިންނާއި ކުއްޖާގެ ބައްޕަ ދޭ ފައިސާ އިންނެވެ.
ކުރިން މޮޑެލް ކުރުމާއި ނެށުމުގެ މަސައްކަތުން ފައިސާ ހޯދަމުން ދިޔަ ކެސޭ އެ މަސައްކަތް ހުއްޓާލާ ފުލްޓައިމް މަންމައަކަށްވީ ދަރިފުޅު ލިބުނީމަ އެވެ.
ކެސޭ ބުނި ގޮތުގައި 1000 ޕައުންޑް ދީފައި ދަރިފުޅަށް ގަން ތުން ޖަހައިގެން އޭނާ ގޮވައިގެން ހިނގާލަން ގޮސްފައި ގެއަށް އައިރު ތުނބެއް ނެތެވެ. ތުން ގެއްލުމުން ތިން ދުވަސް ވަންދެން ވަރަށް ރުއިން ކަމަށްވެސް އޭނާ ބުންޏެވެ.
ކެސޭ އޭނާގެ ދަރިފުޅު ދުނިޔޭގެ އެހެން އެއްވެސް މީހަކު ދަރިން ނުގެންގުޅޭ ވަރުގެ އަގުބޮޑުކޮށް އެއްޗެތި ގަނެދީގެން ގެންގުޅެނީ ކޮންމެހެން އޭނާގެ އަތުގައި މާގިނަ ފައިސާ ހުރެގެނެއް ނޫނެވެ.
ކެސޭ ބުނި ގޮތުގައި އޭނާ އާދައިގެ ފެން ފައިވާންގަނޑެއް ގަނެފައި ވެސް ދަރިފުޅަށް ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ފައިވާން ގަނެގެން އެރުވުމަކީ ބޭނުންވާ ގޮތެވެ.