މުހައްމަދު ނަޝީދު (ކާނަލް)

މިއީ އިމްތިހާނެއް، ކެތްކުރާނަން: ކާނަލް

Jul 4, 2022
12

ކުރިމަތިވެފައިވަނީ އިމްތިހާނެއް ކަމަށާއި އެކަމުގައި ކެތްތެރިވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ އެވެ.

ކާނަލް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ސިޔާސީ ބޭފުޅުންތަކެއް ބިދޭސީ ފިރިހެނަކާ އެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކާއި ފޮޓޯތައް އާންމުވެފައިވާ ވަގުތެއްގައި ނަޝީދުގެ ފޮޓޯއާއި ވީޑިއޯ ވެސް އާންމުވެފައި ވަނިކޮށެވެ.

މިިދިޔަ މަހުގެ 27 ވަނަ ދުވަހު ފުރަތަމަ އާންމުވީ ނަޝީދުގެ ފޮޓޯ އެވެ. އޭގެފަހުން އިއްޔެ ވަނީ ވީޑިއޯ އެއްވެސް އާންމުވެފަ އެވެ. އަދި މިހާތަނަށް އާންމުވި ފޮޓޯއާއި ވީޑިއޯގައި ނަޝީދު ބަރަހަނާވެފައި ހުންނަވަނިކޮށް ފެނިފައި ނުވާ ކަމަށް އެ ވީޑިއޯ އާއި ފޮޓޯ ބެލި މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

ފޮޓޯ އާންމުވި ދުވަހު ކާނަލް ނަޝީދު ވިދާޅުވީ ދައުރުވަމުން ދަނީ އޭނާގެ ފޮޓޯތަކެއް ކަމަަށާ އެތަނަށް ގެންދިޔައީ ވިޔަފާރި ބައްދަލުުވުމަކަށް ކަމަށް ބުނެ ކަމަށެވެ. އެއްޖިންސުން ގުޅުން ހިންގަން އޭނާއަށްވެސް އެ މީހުން ދައުވަތު ދިން ކަމަށާއި ނަމަވެސް އެކަމަށް އިންކާރު ކުރެއްވި ކަމަަށެވެ. އަދި ކޮޓަރިއަށް ވަންނަނިކޮށް ނަގާފައިވާ ފޮޓޯތަައް ލީކު ކޮށްލާނެ ކަމަށް ބުނެ ބްލެކް މެއިކޮށް ފައިސާ ދޭން އެދުނު ކަމަަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެކަމުން ބަރީއަވިން. އެމީހުން މި ފޮޓޯތައް ލީކުކޮށްލާނެކަމުގެ ބިރު ދެއްކި. ދެ ލައްކަ ޑޮލަރު ހޯދަން އެދުނު. އަޅުގަނޑު ބުނިން ލީކުކޮށްލާށޭ. ލާރިއެއް ނުލިބޭނެޔޭ. އަޅުގަނޑުގެ ބަރަހަނާ ފޮޓޯއެއް ނުހުންނާނެ އިރާދަކުރެއްވިއްޔާ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ. މިވަގުތު އަޅުގަނޑަކީ އެއްވެސް ސިޔާސީއެއްގެ މެންބަރެއް ނޫން،" ފޭސްބުކްގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވީޑިއޯއެއް އިއްޔެ އާންމުވުމާ ގުޅިގެން އޭނާ ވިދާޅުވީ މާތްﷲ އިރާދަކުރެއްވި މީހަކު މަތިވެރިކުރައްވާ އިއްޒަތްތެރި ކުރައްވާ ކަމަށެވެ. އެކަލާންގެ އިރާދަކުރެއްވި މީހަކު ނިކަމެތި ކުރައްވާ ކަމަށާއި އެކަލާންގެ އެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާންގެ ކަމަށެވެ.

"އިއްޔެ އެކަލާންގެ މި އަޅާއަށް ޢިއްޒަތްތެރި ކަމާ އިލްމާއި މުދަލާ ދެއްވި އެވެ. މިއަދު އެ ގެންދެވީމާވެސް އެކަމަށް ޝުކުރު ކޮށް ކެތްކުރާނަމެވެ." ނަޝީދު ވިދާޅުވެފައިވެ އެވެ.

ބިދޭސީއަކާ އެކު އެއްޖިންސުން ގުޅުން ހިންގި 40 އަށް ވުރެ ގިނަ މީހުންގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އެ މަންޒަރުތައް ވީޑިއޯތައް ބްލެކްމެއިލްކޮށްގެން ފައިސާ ހޯދަމުން ދިޔަ ބައެއްގެ މައްސަލަ ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކާނަލް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަމާއި ސަފީރު ކަމާއި ޑީއާރްޕީގެ ވަގުތީ ލީޑަރު ކަން ވެސް ކުރައްވާފަ އެވެ.