މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލު ކުރައްވާ އަބުދުﷲ ޖާބިރު، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑާޝިޕަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ޖާބިރު އަވަސް އަށް މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީއަކާއި ނުލާ މަސައްކަތް ކުރުމުގެ ފުރުސަތު ހަނި ކަމަށާއި، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މަސައްކަތުގައި އޭނާ ބައިވެރި ނުކުރާ ކަމަށެވެ.
"މަޖިލީހުގައި ހަމަ އިންޑިޕެންޑެންޓްކޮށް މަސައްކަތް ކުރަން މިޖެހެނީ. ޕާޓީއެއްގައި އަޅުގަނޑު ހުންނަން ބޭނުންވާތީ އަޅުގަނޑު މި ގުޅެނީ. ސިޔާސީ ކުރިއެރުމެއް އެމްޑީޕީގެ ތެރެއިން ލިބޭނެ ގޮތެއް ނުވޭ... ނުލާހިކު ފައިނޭންސް ވެސް އަޅުގަނޑު ކޮށްގެން މިފަހަރު ވެސް އެމްޑީޕީ ވަރަށް ދަތިކޮށް އޮއްވާ އެހީވިން. އެހެން ވިޔަސް އެކަން ބަލައި ނުގަތް ކަމަށް އަޅުގަނޑު ގަބޫލު މިކުރަނީ،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ އާ ޕާޓީއެއް ހަދަން ބަލާއިރު ވަރަށް ވަގުތު ނަގާނެ ކަމަށާއި، އެ ގޮތުން ޑީއާރްޕީއަކީ މިވަގުތު ވެސް އޮޕަރޭޝަނުގައި އޮތް ޕާޓީއެއް ކަމަށާއި ޑީއާރުޕީ އެންމެ ފުރަތަމަ ވުޖޫދު ކުރި އިރުވެސް އޭނާގެ ދައުރު އޮތް ކަމަށެވެ.
އަދި ވިދާޅުވީ، އެ ޕާޓީގެ އަސާސީ ގަވައިދާ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެ ޕާޓީއަށް ގިނަ އަަދަދެއްގެ މީހުން ވެއްދުމުގެ މަސައްކަތްކޮށް، އެ ޕާޓީގެ ހަރުގެއާއި އޮފީސް ވެސް ގާއިމް ކުރައްވާނެ ކަމަށެވެ.
"އަނެއްހެން ބަލާއިރު، މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމް، ޕީއެންސީ އަކީ ޑީއާރްޕީގެ ވިންގުތައް އަސްލު ޕާޓީއަކީ ހަމަ ޑީއާރުޕީ... އެބޭބޭފުޅުންނަށް ވެސް، ހުރިހާ ޕާޓީއެއްގެ ބޭފުޅުންނަށް ވެސް ޑީއާރްޕީއަށް ވަނުމަށް އަޅުގަނޑު ދައުވަތު ދެން. މި ޕާޓީ ދާނީ އިރާދަ ކުރެއްވިއްޔާ ހަމަ ކުރިޔަށް"
ޑީއާރުޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު އަވަސް އަށް ވިދާޅުވީ، ޖާބިރު، ޑީއާރުޕީއާއި ގުޅުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަމަށެވެ. އަދި ޖާބިރު އެޕާޓީއާއި ގުޅިވަޑައިގަތުމާއިއެކު، އެމަނިކުފާނު ވެގެންދާނީ ޑީއާރުޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރަށް ކަމަށާއި ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޑީއާރްޕީގެ ކޮންގްރެސް ބޭއްވިގެންދާނެ ކަމަށާއި، ޖާބިރު ޕާޓީގެ ލީޑާޝިޕާއި ހަވާލުވެވަޑައިގަތުމަކީ ޕާޓީއަށް މިވަގުތު ދިމާވެފައިވާ ހާލަތުން އަރައުގަތުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.