އެމްއޭސީއެލް

ލަންކާގެ ތަދާއެކު ވީއައިއޭގެ ތެލަށް ބޮޑު ލޯޑެއް

Jul 5, 2022
1

ސްރީލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސޯދީ ބޮޑު ތަދުގެ ސަބަބުން ރާއްޖޭން ފުރާ މަތިންދާ ބޯޓުތަކަށް ތެޔޮ އަޅަން ލޯޑު ބޮޑުވެފައިވާ ކަމަށް ބުނެފި އެވެ.

ސްރީލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުގެ ސަބަބުން އެ ގައުމަށް ތެޔޮ ލިބުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. ގިނަ އަދަދެއްގެ މަތިންދާ ބޯޓުތަކުން ދަނީ ވީއައިއޭ އިން ތެޔޮ އަޅަމުންނެވެ. އެހެންވެ ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ މަތިންދާ ބޯޓުތަކަށް ތެޔޮ ދޭ މިންވަރު ލިމިޓްކޮށްފަ އެވެ.

ވީއައިއޭ އިން ގެނައި މި ބަދަލާ ބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ ސްރީލަންކަން ކްރައިސިސްގެ ސަބަބުން ކުރިން 10،000 ލީޓަރުގެ ތެޔޮ އަޅާ މަތިންދާ ބޯޓުތަކުން މިހާރު 40،000 ލިޓަރުގެ ތެޔޮ އަޅަމުންދާ ކަމަށެވެ. ތެޔޮ ވިއްކުން ލިމިޓްކޮށް ދޫކުރަން ނިންމީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފިއުލް ކެޕޭސިޓީއަކީ 13 މިލިއަން މީޓަރު. މި 13 މިލިއަން މީޓަރު މި އަންނަނީ ކޮންމެ ވިންޓާއަކާއި ސަމާއަކަށް ފޯކާސްޓްތައް ހަދައި މެނޭޖު ކުރަމުން. މިއީ ސަމާ އެހެންނަމަވެސް އަޅުގަނޑުމެންގެ ލޯޑަރު ވަރަށް ބޮޑު. ހާއްސަކޮށް ސްރީލަންކާގެ ކޮލަމްބޯގައި ފިއުލް ލިބެން ނެތީމަ އެއާޕޯޓުން ފިއުލް ނަގާވަރު ވަރަށް ބޮޑު.މާލެއިން ސްރީލަންކާ އަށް ދާ ފްލައިޓް ދެކޮޅަށްވާ ވަރަށް ފިއުލް އެބަނަގާ. އެހެންވެ އަޅުގަނޑުމެންގެ ފޯކާސްޓަށްވުރެވެސް އިތުރަށް ތެޔޮ ވިއްކަން ޖެހޭ،" ތޯހާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ނޭބާއެއް ސްރީލަންކާއަކީ. އެހެންވެ އެ ބޭފުޅުންނަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން މި ގެންދަނީ. އޭގެތެރޭގައި ސްރީލަންކަން އެއާލައިންސްވެސް ހިމެނޭ. އެ ބޭފުޅުންގެ ހުރިހާ ފްލައިޓެއްވެސް މިކޮޅުން ތެޔޮ ނަގާ."

އޭނާ ވިދާޅުވީ ތެޔޮ ވިއްކުން ލިމިޓް ކުރިނަމަވެސް ރާއްޖެ އަށް ޖައްސާ ފުރާ ހުރިހާ ބޯޓު ފަހަރަށް ބަރާބަރަށް ތެޔޮ ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

"އެހެންނަމަވެސް ލިމިޓެއް ނެތް ވަރަކަށް އަޅުގަނޑުމެންނަކަށް ތެލެއް ފޯރެއް ނުކޮށްދެވޭނެ. އަޅުގަނޑުމެން ދާދިފަހުން ނެރުނު ނޮޓޭމް- ލިމިޓް ކުރުމުގެ އިއުލާނު- ގެ ބޭނުމަކީ ޕައިލެޓް ކޮމިއުނިޓީއަށް މިކަން އަންގައި ދިނުން. ހުރިހާ އެއާލައިންތަކަށްވެސް އަންގައިގެން މިދަނީ، ހުރިހާ ފަރާތްތަކެއްވެސް ވަރަށް ސަޕޯޓިވް،" ތޯހާ ވިދާޅުވި އެވެ.