ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ސްރީލަންކަންގައި 22 ޓަނުގެ ކާގޯ ގެނެސްފި

ކޮވިޑް-19 ފެތުރުމުގެ ބިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޝެޑިއުލް ފްލައިޓްތައް ހުއްޓާލާފައި ވާތީ ސްރީލަންކަން އެއާލައިންސްގެ ޗާޓަރު ފްލައިޓެއްގައި 22 ޓަނުގެ ކާގޯ މިއަދު ރާއްޖެ ގެނެސްފި އެވެ.

ސްރީލަންކަން އެއާލައިންސްގެ ޖެނެރަލް ސޭލްސް އެޖެންޓް އޭސް އޭވިއޭޝަން ބުނީ ކޮލަމްބޯއިން މާލެއަށް އައި ފްލައިޓުން މިއަދު ރާއްޖެ ގެނެސްފައި ވާނީ ތަރުކާރީ އާއި މޭވާ ފަދަ ބާވަތްތައް ކަމަށެވެ. ރާއްޖެ ގެނައި މުދަލުގެ ތެރޭގައި އެހެން ގައުމުތަކުން ގެނެސް ސްރީލަންކާގެ ވައިގެ ބަނދަރުތަކުގައި ތާށިވެފައި ހުރި ބައެއް އެހެން ބާވަތްތަކުގެ މުދާ އޭގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ވައިގެ ބަނދަރުތައް ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ އެކި ގައުމު ތަކަށް ވައިގެ މަގުން އުފުލާ އެތައް މިލިއަން ޓަނެއްގެ ކާގޯ ތާށިވެފައިވެ އެވެ.

ވައިގެ މަގުން މުދާ ގެނައުން ބަންދުވުމާއެކު ރާއްޖޭގެ ބާޒާރުގައި ބައެއް ބާވަތްތައް ވަނީ ހުސްވެފަ އެވެ. އެހެންވެ، ވިޔަފާރިވެރިންގެ ބައިވެރިވުމާއެކު އެއާލައިން ތަކުން ވަނީ މުދާ އުފުލުގެ އޮޕަރޭޝަނެއް ފަށާފަ އެވެ. މިގޮތުން މިހާތަނަށް މޯލްޑިވިއަން އިން ސްރީލަންކާ މަގުން 10 ޓަނުގެ މުދާ އެތެރެކޮށްފައިވެ އެވެ. އަދި އެއާލައިނުން ދަނީ ސްރީލަންކާގެ އިތުރުން ދުބާއީ އާއި ތައިލެންޑުން ވެސް މުދާ އެތެރެ ކުރަން މަސައްކަތް ކުރަމުންނެވެ.