އިމިގްރޭޝަން

އާ ޕާސްޕޯޓް މިމަހުގެ ފަހުކޮޅު ބޭނުންކުރަން ފަށަނީ

ރާއްޖޭގެ ޕާސްޕޯޓް ތައާރަފުކުރުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށާއި މިމަހުގެ ފަހުކޮޅު އާ ޕާސްޕޯޓް ތައާރަފްކޮށް، ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން ބުނެފި އެވެ.

އެންމެ ފަހުގެ ސެކިއުރިޓީ ފީޗާ ތަކަކާއެކު މުޅިން އާ ޑިޒައިނަކަށް ހަދާ ފާސްޕޯޓް މިމަހުގެ ތެރޭގައި ތައާރަފުކުރާނެ ކަމަށް މީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. އަލަށް ތައާރަފްކުރާ ޕާސްޕޯޓުގެ ޑޭޓާ ޕޭޖްތައް ހުންނާނީ ޕޮލިމާ ކަރުދާހުންނެވެ. އަދި މިހާރު ބޭނުންކުރާ ޕާސްޕޯޓާއި ހިލާފަށް އާ ފާސްޕޯޓުން ފެންނަން ހުންނާނީ ބައެއް ހާއްސަ މައުލޫމާތުއެކަންޏެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އާ ޕާސްޕޯޓް ތައާރަފު ވެގެން އަންނަ އިރު މުޅި ޕާސްޕޯޓް ޑިޒައިނަށް ބަދަލު އަންނާނެ ކަމަށެވެ. އަދި އެ ޕާސްޕޯޓުގައި ބޭނުން ކުރާނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ އެންމެ ހައި ސެކިއުރިޓީ ޕީޗާސްތައް ކަމަށާއި އޭގެ ސަބަބުން ވަގު ޕާސްޕޯޓް ހެއްދުން ފަދަ ކަންކަމަށް ހުއްޓުމެއް އަންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޕާސްޕޯޓް ހެދުމަށް ބޭނުންވާ މެޝިނަރީތަކާއި ޑޭޓާ ޕޭޖްތަކުގެ ލޭޒާ ކުރެހުންތަކަށް ބޭނުންވާ މެޝިނާއި ސާމާނު އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މިމަހުގެ ފަހު ހަފްތާގައި "ރަސްމިއްޔާތަކާއެކު މުޅިން އާ ޕާސްޕޯޓެއް ތައާރަފްވެގެންދާނެ" ކަމަށެވެ.

އާ ޕާސްޕޯޓް ތައާރަފްކުރި ނަމަވެސް، މިހާރު ބޭނުންކުރާ ޕާސްޕޯޓް މުއްދަތު ހަމަވުމާ ހަމަޔަށް ބޭނުންކުރެވޭނެ އެވެ. އަދި އާ ޕާސްޕޯޓް ތައާރަފްކުރުމާ ހަމަޔަށް މުއްދަތުހަމަވާ ޕާސްޕޯޓްތައް އާކޮށްދިނުމުގެ ހިދުމަތްވެސް އިމިގްރޭޝަނުން ފޯރުކޮށްދޭނެ އެވެ. އިމިގްރޭޝަނުން ބުނީ އާ ޕާސްޕޯޓް ތައާރަފްކުރި ނަމަވެސް ޕާސްޕޯޓް ހަދައިދޭ އަގަށް ބަދަލު ނާންނާނެ ކަމަށެވެ.

އާ ޕާސްޕޯޓެއް ތައާރަފްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުންދާއިރު، އައިއެންއައިއޭގައި މިހާރު ވަނީ އީ-ގޭޓް ވެސް ހަރުކޮށްފަ އެވެ. އަދި އާ ޕާސްޕޯޓާއެކު މުއްދަތުހަމަވާ ޕާސްޕޯޓް އާ ކުރަން ފަސޭހައިން ހުށަހެޅޭގޮތް ހެދުމަށް "ކިއޮސް މެޝިން" ތައާރަފްކުރުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން ވަނީ ފަށާފަ އެވެ.