މީރާ

ސައްހަ ނޫން ޓެކްސް ކްލިއަރެންސް ރިޕޯޓު ހުށަހަޅަނީ

Jul 6, 2022

ޓެކްސް ކްލިއަރެންސް ރިޕޯޓް ފޯޖްކޮށް ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކާއި މާލީ އިދާރާ ތަކަށް ހުށަހަޅަމުންދާތީ އެކަމަށް ސަމާލުވުމަށް މީރާއިން އެދިއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން ބުނީ ޓެކްސް ކްލިއަރެންސް ރިޕޯޓަކީ ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި، ޓެކުހާގުޅޭ އެންމެހައި އިލްތިޒާމްތައް ފުރިހަމަކޮށްފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމަށްޓަކައި މީރާ އިން ދޫކުރާ ލިޔުމެކެވެ.

އަދި މާލިއްޔަތު ސާކިއުލާ ނަމްބަރު 13-B/CIR/2019/9 (ދައުލަތުގެ އާމްދަނީ އަށް އަސަރުކޮށްފާނެފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ދައުލަތުގެ އޮފީސްތަކުން އަމަލުކުރާނެ ގޮތް) ގައި ދައުލަތުގެ އޮފީސް ތަކުން އެއްވެސް ވިޔަފާރިއަކަށް ހުއްދައެއް ނުވަތަ ލައިސަންސްއެއް ދިނުމާއި، އައުކުރުމާއި، ބަދަލުގެނައުމާއި، ވިޔަފާރިއެއް ހިންގާ ފަރާތް ބަދަލުކުރުމާއި، މި ނޫންވެސް ދައުލަތުގެ އޮފީހަކުން ދޭންޖެހޭ ހުއްދަތައް ދިނުމުގެ ކުރިން އެ ފަރާތަކުން ދައުލަތައް ދައްކަންޖެހޭ ފައިސާ ނެތްކަން މީރާ އިން ލިޔުމުން ކަށަވަރުކުރުމަށް ބަޔާންކޮށްފައިވާތީ، ސަރުކާރުގެ ގިނަ އިދާރާތަކަށް މި ރިޕޯޓް ހުށަހަޅަން ޖެހެ އެވެ.

ޓެކްސް ކްލިއަރަންސް ރިޕޯޓަކީ މީރާގެ ވެބްސައިޓް މެދުވެރިކޮށް އެ ރިޕޯޓުގެ ސައްހަ ކަން ކަށަވަރުކުރެވޭނެ ރިޕޯޓެއްކަމަށް މީރާ އިން ބުނެފައިވެ އެވެ. އަދި މި ދަނޑިވަޅަކީ މި ރިޕޯޓު ފޯޖްކޮށްގެން ހުށަހަޅަމުންދާ ދަނޑިވަޅެއްކަމުގައި ވާތީ، ޓެކްސް ކްލިއަރަންސް ރިޕޯޓު ބޭނުންކުރާ ފަރާތްތަކުން ރިޕޯޓު ބަލައިގަތުމުގެ ކުރިން، މީރާގެ ވެބްސައިޓް މެދުވެރިކޮށް ރިޕޯޓުގެ ސައްޙަކަން ޔަގީންކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.