ގެމްބިއާ

އަންހެން މުވައްޒަފުން ބުރުގާ އަޅަން ގެމްބިއާގެ ރައީސް އަމުރުކުރައްވައިފި

ގެމްބިއާގައި ސަރުކާރު ވަޒީފާ އަދާކުރާ ހުރިހާ އަންހެނުން ބުރުގާ އަޅަން ގެމްބިއާގެ ރައީސް ޔަހްޔާ ޖަމޭހް އަމުރު ކުރައްވައިފި އެވެ.

ރައީސް ޔަހްޔާ ނެރުއްވި މެމޯއެއްގައި ބުނަނީ ސަރުކާރު ވަޒީފާ އަދާކުރާ ކޮންމެ އަންހެން މުވައްޒަފަކު ވެސް އޮފީހަށް ނުކުންނަންވާނީ ބޮލުގެ އިސްތަށިގަނޑު ރީތިކޮށް ނިވާވާ ގޮތަށް ބުރުގާ އަޅައިގެން ކަމަށެވެ.

"ސަރުކާރު މިނިސްޓްރީ ތަކުގައި، ޑިޕާޓްމެންޓްތައް އަދި އެޖެންސީތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން މަސައްކަތުގެ ވަގުތުގައި ބޮލުގެ އިސްތަށިގަނޑު ފެންނަ ގޮތަށް ބެހެއްޓުމަކީ މަނާކަމެއް،" ގެމްބިއާގެ ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށް ފޮނުވި މެމޯގައި ވެއެވެ.

ގެމްބިއާގައި ކުރިއަށް ގެންދާނީ މުސްލިމް ވެރިކަމެއްކަން މީގެ މަހެއްހާ ދުވަސް ކުރިން ޔަހްޔާ ވަނީ އިއުލާނު ކުރައްވާ ފައެވެ. އެގައުމުގެ އާބާދީގެ 90 ޕަސެންޓަކީ މުސްލިމުންނެވެ. އެހެން ނަމަވެސް ގެމްބިއާގައި ބުރުގާ އަޅައިގެން އުޅޭ މީހުންގެ އަދަދު ވަރަށް މަދެވެ.

ޔަހްޔާ ވިދާޅުވީ މުސްލިމް ނޫން އެހެން ދީން ތަކުގެ އަންހެނުންނަށް އެމީހުންގެ ދީނާ އެއްގޮތަށް ހެދުން އެޅިދާނެ ކަމަށެވެ. އަދި އެމީހުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ކަމަށެވެ.