މަތިވެރި

ޔޫއެސްސީ ފުޓްސަލް ޓޯނަމަންޓް މިއަދު ފަށަނީ

އއ. މަތިވެރީ ޔޫނިއަން ސްޕޯޓްސް ކްލަބް (ޔޫއެސްސީ) ގެ 16 ވަނަ ފުޓްސަލް ޓޯނަމަންޓް މިއަދު ހަވީރު ފެށުމަށް ނިންމައިފި އެވެ.

މަތިވެރީގެ އެންމެ ގިނަ ދުވަސްވީ ޖަމިއްޔާއިން ބާއްވާ މި މުބާރާތުގައި މި އަހަރު 8 ޓީމު ވާދަ ކުރެއެވެ. އަލްހާ އީދާ ގުޅުވައިގެން ބާއްވާ މުބާރާތަށް މަތިވެރި ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ. މިއީ މަތިވެރީގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި މުބާރާތެވެ.

މި އަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމަށް ދޭ ފައިސާގެ އަދަދު ވެސް ވަނީ ބޮޑުކޮށްފައެވެ. މި ފަހަރު ޗެމްޕެއިން ޓީމަށް 35،005 ރުފިޔާ ދިނުމަށް ނިންމާފައިވެއެވެ. ރަނަރަޕް ޓީމަށް 11،005 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މިއީ މިދިޔަ 15 އަހަރުގެ ތާރީހުގައި އެންމެ އަގުބޮޑު މުބާރާތެވެ.

މި އަހަރުގެ މުބާރާތް ބާއްވަނީ "ރައުޗް ޔޫއެސްސީ ސިކްސްޓީންތް ފުޓްސަލް ޓޯނަމަންޓް 2022" ގެ ނަމުގައެވެ. ޓައިޓްލް ސްޕޮންސަރަކީ ހެޕީ މާކެޓްގެ ރައުޗް ބްރޭންޑެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ހެޕީ މާކެޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޯ ސްޕޮންސަރު އޮޕްޓިކަލް މޯލްޑިވްސް އެވެ. ސަބް ސްޕޮންސަރު ފިއުލް ސަޕްލައި މޯލްޑިވްސް އެވެ.

ޔޫއެސްސީއަކީ މުޅި އަރިއަތޮޅުގައިވެސް އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާ އެވެ. މަތިވެރިއާ މުޅި އަތޮޅަށް އަމާޒުކޮށްވެސް އެކި މުބާރާތްތައް ކުރިއަށް ގެންދެއެވެ. އެންމެ ފާހަގަކޮށްލެވެނީ މިދިޔަ 22 އަހަރު މެދުކެނޑުމެއް ނެތި މަތިވެރީގައި ބާއްވަމުން އައި ގުރުއާން މުބާރާތެވެ. މަތިވެރީގެ އިޖްތިމާއީ ތަރައްގީއަށް ކުރެވުނު ކޮންމެ މަސައްކަތެއްގައި ޔޫއެސްސީގެ ދައުރު ބޮޑެވެ.