ދާރުލްއާސާރުގައި ޖާގަ ނެތިގެން ނަމޫނާ ކަޅުއޮއްފުއްމި ހުޅުމާލެ ހެރިޓޭޖް އައިލެންޑަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ނަމޫނާ ކަޅުއޮއްފުއްމި އަކީ ތާރީހީ ތަރިކައެއްގެ ގޮތުގައި ދާރުލްއާސާރުގައި ބޭއްވުމަށް ސަރުކާރުން އެއް މިލިއަން ރުފިޔާ ހަރަދުކޮށްގެން ބަން ދޯންޏެކެވެ. ހދ ނޭކުރެންދޫގައި އޮޑި ބަނުމަށްފަހު މާލެ ގެނައީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ހޯމް މިނިސްޓްރީން ކުރިން ނިންމާފައި އޮތީ އެ އޮޑި މާލެ ގެނައުމަށްފަހު ދާރުލްއާސާރުގައި ތަނެއް ހަދައި އެތަނުގައި އޮޑި ބާއްވާ ގޮތަށެވެ. ނަމަވެސް ދާރުލްއާސާރުގައި އޮޑި ބާއްވާނެ ޖާގަނެތުމުން ގެންދިޔައީ ފޭދޫ ފިނޮޅަށެވެ.
ހޯމް މިނިސްޓްރީން ބުނީ ނަމޫނާ ކަޅުއޮއްފުއްމި ހުޅުމާލޭގައި ހަދާ ހެރިޓޭޖް އައިލެންޑަށް ބަދަލުކުރާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އޮޑި ހެރިޓޭޖް އައިލޭންޑަށް ގެންދިއުމުގެ ކުރިން، ބާއްވާނީ މާލޭގައި ހޯމް މިނިސްޓްރީގެ ބިމެއްގައި ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.
ކަޅުއޮއްފުއްމި އަކީ އުތީމު ތިން ތަކުރުފާނުން ކުރެއްވި ގައުމީ ޖިހާދުގައި ބޭނުންކުރެއްވި ކަމަށް ބެލެވޭ އޮޑީގެ ރަމްޒެކެވެ. އެ އޮޑި ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާއިރު މާލޭގައި ހުރި ޒަމާންވީ ކަޅުވަކަރު މިސްކިތްވެސް ވަނީ ހެރިޓޭޖް އައިލެންޑަށް ބަދަލުކުރަން ނިންމާފަ އެވެ.