ދީނީ އިލްމުވެރީން ހައްޔަރުކޮށް ބަންދު ކުރުމަކީ ވަރަށް ބޮޑުވާ ކަމެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގެ ތުހުމަތުގައި ދީނީ އިލްމުވެރީން ކަމަށްވާ އައްޝައިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރަމުންދާތީ އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވައެވެ. ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝެއިހް ނިޝާން ހިމެނޭ ހެން ދީނީ އިލްމުވެރިން ހައްޔަރުކޮށް ބަންދު ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އިންސާފު ލިބުން އަވަސް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ނާޒިމްގެ މި ޓްވީޓްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިޝަލް ޓްވިޓާ އެކައުންޓް ޓެގް ކުރައްވާފައެވެ.
މީގެ އިތުރުން ނާޒިމް ވަނީ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރާތީވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނާޒިމް ވިދާޅުވީ މުހައްމަދު އިސްމާއީލް ވިޔަސް އަދި އެހެން ދިވެހި ރައްޔިތެއް ވިޔަސް ބަންދުގެ މުއްދަތު ތަކުރާރުކޮށް އިތުރުކޮށް އިންސާފު ނުލިބި ލަސްވުމަކީ ވަރަށް ބޮޑު ނާއިންސާފެއް ކަމަށެވެ.
ޔޯގާ ދުވަހުގެ ހަރަކާތްތަކާއި ދެކޮޅަށް ހިންގި ހަމަނުޖެހުމުގެ ތުހުމަތުގައި 21 މީހަކު ހައްޔަރު ކުރިއެވެ. ފުލުހުންގެ ބަންދުގައި މިވަގުތުވެސް 20 މީހަކު އެބަތިއްބެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރީން ކަމަށްވާ ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް ނިޝާން ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންގެ ބަންދުގެ މުއްދަތު ތަކުރާރުކޮށް ދަނީ އިތުރު ކުރަމުންނެވެ.