އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިޔަފާރިކުރާ މީހުންގެ އަތުން ޕްލާސްޓިކް އަދި ކަރުދާސް ކޮތަޅަށް އަގު ނަގަން ފަށައިފި އެވެ.
ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ޕްލާސްޓިކް އަދި ކަރުދާސް ކޮތަޅަށް އަގު ނަގަން ފެށީ މިއަދުން ފެށިގެންނެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް ބުނީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށްޓަކައި ވިޔަފާރިކުރަންދާއިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ގެންނަން އާދަކުރަންޖެހޭ ކަމަށެވެ.
އެސްޓީއޯ އިން ނިންމާފައިވަނީ ޕްލާސްޓިކް ކޮތަޅެއް ވިއްކާނަމަ 2.5 ރުފިޔާ އަދި ކަރުދާސް ކޮތަޅެއް ވިއްކާނަމަ ދެ ރުފިޔާ ނެގުމަށެވެ.
ފިހާރަތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން އެ ކޮތަޅުގެ ލެވީ -- ކޮތަޅުން ނަގާ ޓެކްސްގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނެގޭ ގޮތް ހެދުމަށް ސަރުކާރުން މިހާރު ވަނީ މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފަ އެވެ. ކުނި މެނޭޖުކުރުމުގެ ބިލްގެ ނަމުގައި މި ބިލް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު އެވެ.
ފޮތި ކޮތަޅު ބޭނުންކުރުމުގެ އާދަ އަށަގެންނެވުމާއި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅުގެ އަދަދު މަދުކުރުމަށް ބާރު އެޅުމުގެ ގޮތުން މިދިޔަ އޭޕްރީލް މަހު އެސްޓީއޯ އިން ވަނީ ދިރާގު އަދި އެމްއޭސީސީއެސްއާ ގުޅިގެން ހާއްސަ ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.