އެމްޓީސީސީ

ފަސް ރަށެއްގެ ބަނދަރުގެ އަޕްޑޭޓް ދީފި

އެމްޓީސީސީ އިން ތަރައްގީކުރަމުން އަންނަ ބަނދަރުތަކުގެ ތެރެއިން ފަސް ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތުގެ އަޕްޑޭޓް ދީފި އެވެ.

އެމްޓީސީސީ އިން މިއަދު ވަނީ ގއ. ދާންދޫ، ށ. ޅައިމަގު، ސ. ހުޅުދޫ، ޅ. ހިންނަވަރު އަދި ލ. ގަން-ތުނޑީ ބަނދަރު ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތުގެ އަޕްޑޭޓް ދީފަ އެވެ.

އެމްޓީސީސީ އިން ބުނީ ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. ޅައިމަގު ބަނދަރު ހެދުމުގެ މި މަޝްރޫއުގެ އަގަކީ 56.3 މިލިއަން ރުފިޔާ އެވެ.

އެކުންފުނިން ބުނި ގޮތުގައި ހުޅުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 88 ޕަސެންޓް މިހާރު ނިމިއްޖެ އެވެ. އަދި ހާބަރު ޕޭވަމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށާއި، ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ. މިއީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ދާންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު ސައިޓަށް ގެނެސްފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. މިއީ 70.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހިންނަވަރު ބަނދަރުގެ އަޕްޑޭޓް ދެމުން އެމްޓީސީސީ އިން ބުނެފައި ވަނީ އެރަށުގެ ބަނދަރު ތަރައްގީކުރުމަށް ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ގްރޮއިން ޖެހުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ. މި މަޝްރޫއަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މީގެ އިތުރުން ގަން-ތުނޑީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކޮންކްރީޓް ގާއެތުރުމުގެ މަސައްކަތުގެ 63 ޕަސެންޓް ވަނީ ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. މި މަޝްރޫއުގެ އަގަކީ 24.71 މިލިއަން ރުފިޔާ އެވެ.