ލ. ގަމާއި ގދ. ގައްދޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަ މަހު ފެށުމަށް އެމްޓީސީސީ އިން ނިންމައިފި އެވެ.
ގަމުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އަދި ގައްދޫ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ވައުދެކެވެ.
އެމްޓީސީސީ އިން މިއަދު ބުނީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި ދެ ހޮސްޕިޓަލުގެ މަސައްކަތް އަންނަ މަހުގެ ދެވަނަ ހަފްތާގެ ކުރިން ފަށާނެ ކަމަށެވެ. އަދި މިހާރު އެކަމަށް ބޭނުންވާ ތައްޔާރީތައް ވަމުންދާ ކަމަށް ބުންޏެވެ.
ގަމުގައި ގާއިމުކުރުމަށް ނިންމާފައިވާ 130 އެންދުގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތަށް 492.35 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ގައްދޫގައި ގާއިމުކުރަން ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލަށް 226.5 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން ސްޕޭންގެ ހޮމްޓް އެސްޕަނިއާ ކުންފުންޏަށް މި ދެ ހޮސްޕިޓަލް އެޅުމުގެ މަޝްރޫއު ހަވާލުކުރީ މި އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން މި ދެ ހޮސްޕިޓަލްގެ އިތުރުން ކޮންމެ ހޮސްޕިޓަލަކާ އެކު ސްޓާފް އެކަމޮޑޭޝަން ބްލޮކްތަކެއް ވެސް އެޅުމަށް ހަމަޖެހިފައިވެ އެވެ. އަދި މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް ވަސީލަތްތަކުގެ އިތުރުން ހޮސްޕިޓަލުތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ވެސް ހޮމްޓް އެސްޕާނިޔާ އިން ފޯރުކޮށްދޭނެ އެވެ.
ޑޮއިޗާ ބޭންކުގެ ފަރާތުން ފައިނޭންސް ކުރާ މި މަޝްރޫއުގެ އަގަކީ 79 މިލިއަން ޔޫރޯ އެވެ.
ގަމު ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމަށް ދީފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތެކެވެ. އަދި ގައްދޫ ހޮސްޕިޓަލް އިމާރާތްކުރުމަށް ދީފައިވަނީ ދެ އަހަރާއި ހަ މަސް ދުވަހުގެ މުއްދަތެކެވެ.