ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ލ. ގަމުގައި އަަޅަން ހަމަޖެއްސި ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެކަން ކުށްވެރިކޮށްފި އެވެ.
ވިސާމު ނެރުއްވި ބަޔާނުގައި ވިދާޅުވީ މި ހޮސްޕިޓަލް ގަމުގައި އަޅަން އެއްވެސް ހުރަސްތަކެއް ނެތް ކަމަށް ކުރީގެ ސަރުކާރުން ނިންމިއިރި މި ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ނިންމުމުން ހާމަވެގެންދަނީ އަތޮޅު ތެރޭގެ ތަރައްގީއަށް މި ސަރުކާރުން އިސްކަން ނުދޭ މިންވަރު ކަމަށެވެ.
"ހޮސްޕިޓަލް އެޅުމަށް އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ)ގެ މަންދޫބުން ގަމަށް ވަޑައިގެން ހޮސްޕިޓަލް ގާއިމުކުރަން ހުރަހެއް އޮތްތޯ ބަލައި ފީސަބިލިޓީ ރިޕޯޓާއި ޑީޕީއާރް ރިފޯޓު ހަދައި، އެއްވެސް މައްސަލައެއް ނެތް ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީންވެސް ވަނީ ފާސްކޮށްފައި" ވިސާމް ވިދާޅުވި އެވެ.
ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ނިންމީ ޓާޝަރީ ފަރުވާ ނުލިބޭ ސަރަހައްދެއްގައި ކެންސަރު ހޮސްޕިޓަލް އަޅަން މުހިއްމު ކަމަށް ނުފެންނާތީ އެެވެ.
ވިސާމް ވިދާޅުވީ ގަމުގައި މި ހޮސްޕިޓަލް އެޅުމަށް މިދިޔަ ސަރުކާރުގައި އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ފައިސާވެސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް މި އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު އެމްޓީސީސީއާ މަސައްކަތްވެސް ހަވާލުކޮށްފައިވާ ކަމަށެވެ.
"ގަމުގައި ޓާޝަރީ ފަރުވާ ނުލިބޭ ކަމަށް ބުނެ، ހޮސްޕިޓަލް އަޅަން ހަވާލުކޮށްފައިވާ އޮށްވާ ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ނިންމި ނިންމުން ހަމަނުޖެހޭ،" ވިސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަމުގައި އަޅަން ނިންމީ ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ނިންމުމުން ގަމުގައި ކުރިން އެޅުމަށް ހަމަޖެހިފައި އޮތް ޓާޝަރީ ހޮސްޕިޓަލްވެސް އެހެން ރަށަކަށް ބަދަލުކުރުމުގެ ބިރު އެބައޮތް ކަމަށެވެ. ލ. އަތޮޅު ކައުންސިލާއި ގަމު ކައުންސިލާވެސް މަޝްވަރާ ނުކޮށް ނިންމި ނިންމުމާ ގުޅިގެން ހާމަވަނީ ސަރުކާރަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ބޭނުން ނުވާ ކަމުގެ ހެކި ކަމަށްވެސް ވިދާޅުވި އެވެ.
ވިސާމް އިތުރަށް ވިދާޅުވީ ވެރިކަން ކުރާ ރަށަށް ހުރިހާ ބާރެއް މަރުކަޒު ކުރުމުގެ ސަގާފަތް އަލުން އިއާދަ ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ތޮއްޖެހިފައިވާ މާލެއަށް މިމަޝްރޫއު ބަދަލުކުރީ މިފަދަ ބޮޑެތި މަޝްރޫއުތައް ގަސްދުގައި ރޭވިގެން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ފެންނަ ކަމަށެވެ. އެހެންވެ ގަމުގައި ގާއިމުކުރަން ނިންމާފައި އޮތް ކެންސަރު ހޮސްޕިޓަލް މާލޭގައި އަޅަން ނިންމި ނިންމުން ބަދަލުކުރުމަށްވެސް ވިސާމު ވަނީ ގޮވާލައްވާފަ އެވެ.