ލ. އަތޮޅުގައި އަޅަން ނިންމާފައިވާ ދެވަނަ އެއާޕޯޓް އަޅާނީ އެ އަތޮޅު ހިތަދޫ ސަރަހައްދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ލ. ހިތަދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަށް ހިތަދޫ އާއި އެރަށު ކައިރީގައިވާ ރަށްތަކުގެ ކައުންސިލަރުން އެމަނިކުފާނަށް މީގެކުރިން ހުށަހަޅާފައިވާ ކަމަށެވެ. ލ. ގަމުގައި ބޭއްވި ވިއަވަތި ކޮންފަރެންސްގައި ރައީސް އާއި ލ. އަތޮޅުގެ ބައެއް ކައުންސިލްތަކުން މިކަމާ ގުޅޭ މަޝްވަރާތަކެއް ކުރެއްވި ކަމުގައިވެސް ވިދާޅުވި އެވެ.
ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ފުރަތަމަ އިއުލާން ކުރެއްވީ އިއްޔެ ލ. އިސްދުކަލައިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގަ އެވެ. މި މަޝްރޫއާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އިއްޔެ ރައީސް ހިއްސާކުރައްވާފައެއް ނުވެ އެވެ.
ރައީސް މިއަދު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ލ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ވެސް ފެށިގެންދާނެ ކަމަށެވެ. މިއާއެކު ލ. އަތޮޅުގައި ދަތުރުފަތުރު ކުރުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށް ފާހަގަކުރެއްވި އެވެ.
މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް 30 މިނެޓުގެ ތެރޭގައި ދަތުރުކުރެވޭނެ ހިސާބުގައި އެއާޕޯޓެއް އެޅުމެވެ. ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅަނީ މި ސިޔާސަތުގެ ދަށުންނެެވެ.
ލ. އަތޮޅު ކައްދޫގައި މިހާރުވެސް އެއާޕޯޓެއް އޮވެ އެވެ. މަދަނީ އެއާޕޯޓެއްގެ ގޮތުގައި ކުރިން އޮޕަރޭޓް ކުރަމުން އައި ކައްދޫ އެއާޕޯޓް މިލިޓަރީ އެއާޕޯޓަކަށް ބަަދަލުކޮށް "އިސްކަންދަރު ވައިގެ ބަދަރު"ގެ ނަމުގައި އެތަން ހުޅުވީ މޭ 2016 ގައެވެ.
ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމަށް މިހާރު ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފަ އެވެ.