ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވާދަވެރި ކެންޑިޑޭޓުން، އެމަނިކުފާނާ އަރާ ހަމަކުރަން އަދި ފަސް ހަފްތާ ނަގާނެ ކަމަށާއި އޭރު އެމަނިކުފާނު ހުންނަވާނީ އިންތިހާބު ކާމިޔާބު ކުރައްވައިގެން ކަމަށް ވިދާޅުވެ ވާދަވެރި ކެންޑިޑޭޓުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ލ. ގަމުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ވާދަވެރި ކެންޑިޑޭޓުން އެމަނިކުފާނާ އަރާ ހަމަކުރާއިރު އިންތިހާބު އޮންނާނީ ނިމިފައި ކަމަށެވެ،
"އެބޭފުޅުން ރަނގަޅަށް ކެމްޕޭން ފަށައިގަންނައިރު ނަތީޖާ އިއުލާނުކޮށްފައި އޮންނާނީ. އޭރަށް ދެން އެބޭފުޅުން މަސައްކަތްކުރާނީ 2028ގެ އިންތިހާބަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ކުރިއަށް ގެންދަނީ ވަރަށް "ކޫލް" ކެމްޕޭނެކެވެ. އެހެންކަމުން ވާދަވެރިން ކުރާ ކަންކަމަށް އަޅާލާނެ ކަމެއް ނެތް ކަމުގައިވެސް ވިދާޅުވި އެެވެ.
"އެއްވެސް ހާލެއްގައި ކަންބޮޑުވާނެ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ލާމު ތަސައްވުރު
ރައީސް ސޯލިހް ވިދާޅުވީ ލ. އަތޮޅަށް އެމަނިކުފާނުގެ އޮތް ތަސައްވުރުގައި ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިގުތިސާދަށް ލިބުނު ގެއްލުމެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ތަސައްވުރުގައި ހިމެނޭ ގަމާއި ފޮނަދޫ އާބަން ސެންޓަރަކަށް ބަދަލުކުރުމަށްޓަކައި މިފަސް އަހަރަށް ހެދި ޕްލޭންތައް ކޮވިޑާ ގުޅިގެން އެންމެ ރަނގަޅަށް ކުރިއަށް ނުދިޔަ ނަމަވެސް އަދިވެސް އަމާޒަކީ ގަން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުން ކަމަށެވެ.
"އަަޅުގަނޑުމެންގެ އަމާޒަކީ މިތަން ކުރިއަށް މި އޮތް 10 އަހަރު ތެރޭގައި 25،000 މީހުންގެ އާބާދީއަކަށް ބަދަލުކުރުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގަމަށް ބޭނުންވާ އާބާދީ ގެނެވޭނީ އެތަނުގައި އެކި ދާއިރާތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތައް ގާއިމުކުރެވިގެން ކަމަށެވެ. އޭރުން މީހުން އަމިއްލައަށް ޝައުގުވެރިވެގެން ގަމަށް ހިޖުރަކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރެއްގައި ގަމަށް ބޮޑު އާބާދީއެއް ގެނައުމަށްޓަކައި ކުރިއަށް އޮތް އަހަރު 1،000 ހައުސިން ޔުނިޓް ގަމުގައި އަޅައިދެއްވާނެ ކަމަށެވެ. އަދި ދެވަނަ ދައުރެއްގައި ޖުމްލަ 5،000 ހައުސިން ޔުނިޓް ގަމުގައި އެޅުމަކީ އަމާޒެއް ކަމުގައިވެސް ވިދާޅުވި އެވެ.
ސަރުކާރުން ވައުދުވި ގޮތަށް ގަމުގައި ޓާޝަރީ ހޮސްޕިޓަލެއް އަދި ކެންސަރުގެ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.