ލ. ގަމުގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށާއި ގދ. ގައްދޫގައި ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް ސްޕޭންގެ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.
މި ދެ ހޮސްޕިޓަލް އެޅުމުގެ މަޝަރޫއު ހަވާލުކޮށްފައިވަނީ ސްޕޭންގެ ހޮމްޓް އެސްޕަނިއާ ކުންފުންޏާ އެވެ.
ހެލްތް މިނިސްޓްރީގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް އެވެ. ހޮމްޓް އެސްޕަނިއާގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް ޑިރެކްޓަރު އެޑުއާޑޯ އޮލިވޭރިއާ އެވެ.
މި މަޝްރޫއުގެ ދަށުން މި ދެ ހޮސްޕިޓަލްގެ އިތުރުން ކޮންމެ ހޮސްޕިޓަލަކާއި ގުޅިގެން ސްޓާފް އެކަމޮޑޭޝަން ބްލޮކްތަކެއް އެޅޭނެ އެވެ. އަދި މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް ވަސީލަތްތަކުގެ އިތުރުން ހޮސްޕިޓަލުތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ވެސް ހޮމްޓް އެސްޕާނިޔާ އިން ފޯރުކޮށްދޭނެ އެވެ.
ޑޮއިޗާ ބޭންކުގެ ފަރާތުން ފައިނޭންސް ކުރާ މި މަޝްރޫއުގެ އަގަކީ 79 މިލިއަން ޔޫރޯ އެވެ.
ގަމު ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމަށް ދީފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތެކެވެ. އަދި ގައްދޫ ހޮސްޕިޓަލް އިމާރާތްކުރުމަށް ދީފައިވަނީ ދެ އަހަރާއި ހަ މަސް ދުވަހުގެ މުއްދަތެކެވެ.
މި އެއްބަސްވުމުގެ ދަށުން މި ދެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްޓީސީސީ އިންނެވެ.