ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ކައިރި އަތޮޅުތަކުގެ ގިނަ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އަންނައިރު އެ ރަށްރަށާއި ގަމާއި ދެމެދު ދަތުރުފަތުރުކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކޮށް ދިނުމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ގޮވާލައްވައިފި އެވެ.
ކޮވިޑްގެ މި ހާލަތުގައި އއ. އާއި އދ. ހިމެނޭ ގޮތަށް އަރިއަތޮޅުގެ ރައްޔިތުން ސިއްހީ ފަރުވާއަށް އެންމެ ބޮޑަށް ބަރޯސާވަނީ ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށެވެ. އަދި ތ އަތޮޅުގެ ރައްޔިތުންވެސް ސިއްހީ ހިދުމަތް ހޯދަން އަންނަނީ ގަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިސާމް ވިދާޅުވީ ގަން ރީޖަނަލް ހޮސްޕިޓަލަށް ދުވާލެއްގެ މައްޗަށް 300 މީހުން ޑޮކްޓަރަށް ދެއްކުމަށް އަންނަ ކަމަށެވެ. އޭގެ ތެރޭގައި ކައިރި އަތޮޅުތަކުގެ ގިނަ ބަޔަކު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ވިސާމް ވިދާޅުވީ ސިއްހީ ހިދުމަތް ހޯދުމަށް އަންނަ އަތޮޅުތަކުގެ ރައްޔިތުން ގަމަށް އަންނަނީ އަމިއްލަ މީސްމީހުންގެ ލޯންޗު ފަހަރު ބޮޑު އަގުގައި ކުއްޔަށް ހިފައިގެން ކަމަށެވެ. އެއީ ވަރަށް ތަކުލީފެއް ކަމަށާ ރައްޔިތުންގެ ފައިދާތައް ހެޔޮ އަގެއްގައި ދަތުރުފަތުރުކުރެވޭނެ ނިޒާމެއް ގާއިމްކޮށްދިނުމަށް ވިސާމް ވަނީ ގޮވާލައްވާފައެވެ.
"ކޮންމެ ރައްޔިތެއްވެސް ޑޮކްޓަރަށް ދެއްކުމަށް މި އަންނަނީ އަމިއްލައަށް ލޯންޗެއް ކުއްޔަށް ހިފައިގެން ވަރަށް ބޮޑު ހަރަދެއް ކޮށްފައި. މިވަގުތުގައި އަތޮޅުތެރޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް އެއީ، ޑޮކްޓަރަށް ދެއްކުމަށް ސަރަހައްދީ ލެވެލްގައި މި ތަރައްގީ ކުރެވިފައިވާ ހޮސްޕިޓަލަށް، ހާއްސަކޮށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލް ފަދަ ހޮސްޕިޓަލްތަކަށް ޑޮކްޓަރަށް ދައްކަން އަންނަ މީހުންނަށް ހާއްސަ ދަތުރުފަތުރުގެ ނިޒާމެއް އެމްޓީސީސީންވެސް ގާއިމުކޮށްފިނުން. ތ އާއި ލ އާ ދެމެދު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރެވިފައެއް ނެތް،"
ވިސާމް ވިދާޅުވީ ގަމަށް ޑޮކްޓަރަށް ދައްކަން އަންނަ އެކި ރަށްރަށުގެ މީހުންނަށް އެ ރަށްރަށާއި ގަމާއި ދެމެދު ރަނގަޅު ފެރީގެ ނިޒާމެއް ގާއިމުކޮށްފިނަމަ އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ލުއި ލިބިގެންދާނެ ކަމަށެވެ. އަދި ލ އަތޮޅާއި ތ އަތޮޅާއި އދ އަތޮޅުގައިވެސް އެއާޕޯޓެއް އޮތްއިރު ވައިގެ މަގުންވެސް ދަތުރުކުރެވޭނެ ރަނގަޅު ނިޒާމެއްގެ މުހިންމުކަން އޭނާ ފާހަގަކުރެވިއެވެ.
"ކަނޑުމަގުންނާއި ވައިގެ މަގުން، އެތެރޭގެ އެއާޕޯޓްތަކާއި އަދި އެމްޓީސީސީ ގުޅިގެން ފެރީގެ ނިޒާމުންވެސް ދަތުރުފަތުގެ ނިޒާމެއް ގާއިމްކޮށްދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،"
އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީ ކުރުމުގެ މުހިންމުކަންވެސް ވިސާމް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ގަމަށް ކޮންމެ ދުވަހަކު 300 އެއްހާ މީހުން ޑޮކްޓަރަށް ދައްކަން އަންނައިރު އެތެރެހަށީގެ ބަލިތަކާއި ކަށީގެ ބަލިތަކަށް ފަރުވާދޭން ހުރީ އެންމެ ޑޮކްޓަރެއް ކަމަށެވެ. އަދި ލ އަތޮޅާއި ތ އަތޮޅުގައިވެސް ލޮލުގެ ހާއްސަ ޑޮކްޓަރެއް ނެތްކަަމަށް ވިސާމް ވިދާޅުވިއެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސިޓީއަށް ދަތުރުކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވާތީ ފަރުވާ ހޯދަން އެހެން ރަށްތަކަށް ދަތުރުކުރަން މަޖުބޫރުވެފައިވާ އެތައް ބަޔަކުވެ އެވެ. މާލޭގެ ހޮސްޕިޓަލުންތަކުން ލިބެން ހުންނަ ރަނގަޅު ފަރުވާ ލިބެން ނެތް ނަމަވެސް ރީޖަނަލް ހޮސްޕިޓަލްތަކަކީ ސިއްހީ މަރުކަޒުތަކުން ލިބެން ނެތް ގިނަ ހިދުމަތްތަކެއް ލިބެން ހުންނަ ތަންތަނަށް ވުމުން މިދުވަސްވަރު ގިނަ ރައްޔިތުން ސިއްހީ ފަރުވާ ހޯދަމުންދަނީ ރީޖަނަލް ހޮސްޕިޓަލްތަކުންނެވެ.