މޯލްޑިވްސް ޕޮލިސް ސާވިސް

ޖިނާއީ ތަހުގީގަކަށް ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުކުރަނީ

Jul 20, 2022

ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.

އަޒާން ފުުލުހަށް ހާޒިރުކުރަނީ ބަލަމުންދާ ޖިނާއީ މައްސަލައެއްގައި ކަމަށް ފުުލުހުން ބުނެ އެވެ.

މައްސަލަ އިތުރަށް ސާފުކޮށްދެމުން ފުލުހުން ބުނީ އަޒާންއާ ސުވާލުކުރަން ބޭނުންވަނީ އައިޖީއެމްއެޗުގެ ޕޯޓަލްއިން ދައުލަތުގެ އިސްވެރިންތަކެއްގެ ޒާތީ މައުލޫމާތު ހޯދުމަށް އެކްސަސްވި ގޮތަކާ ގުޅޭ ގޮތުން ކަމަށެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަޒާން އަށް އަންގާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ތިނެއް ޖަހާއިރު އެވެ.

އަޒާން މީގެކުރިން ބުނެފައިވާ ގޮތުގައި ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތުގައި ވަކި ސަބަބުތަކެއް ނުބުނާ ކަމަށެވެ. އޭނާ ލިޔުނު އެއްޗެއް ލިޔުނީ މައުލޫމާތެއް ލީކުވެ އެ މައުލޫމާތު ބައެއްގެ އަތްމައްޗަށް ދިޔަ ގޮތާ ގުޅޭގޮތުން ކަމަށެވެ.

އަޒާން ފުލުހަށް ހާޒިރުވާން އަންގާފައި މިވަނީ ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ތަސްދީގު ކުރައްވާފައި ވަނިކޮށެވެ.