ޓޫރިޒަމް

ފޭދޫފިނޮޅުގައި ހަދާފައިވާ ރިސޯޓު ހިންގަން ތައިލެންޑްގެ ޑުސިތު ހަވާލުވެއްޖެ

ކ. ފޭދޫފިނޮޅުގައި ތަރައްގީކޮށްފައިވާ ޑުސިތުޑީޓޫ ފޭދޫ މޯލްޑިވްސް ހިންގަން ތައިލެންޑްގެ ހޮސްޕިޓާލިޓީ ކުންފުނި -- ޑުސިތު ތާނީ އިންޓަނޭޝަނަލްއާ ހަވާލުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ޕާލް އެޓޯލް ކުންފުނިން ތަރައްގީކުރަން ފެށި 124 އެނދުގެ މި ރިސޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހު ކުއާޓަރުގައެވެ.

ޑުސިތު ތާނީ އިންޓަނޭޝަނަލް މިހާރުވެސް ގެންދަނީ ރާއްޖޭގައި ރިސޯޓެއް ހިންގަމުންނެވެ. އެއީ ބ. އަތޮޅުގައި ހިންގާ ޑުސިތު ތާނީ މޯލްޑިވްސް އެވެ.

ފޭދޫފިނޮޅުގައި ހަދާފައިވާ ރިސޯޓް ހިންގުމާ ހަވާލުވުމަށްފަހު ޑުސިތު އިންޓަނޭޝަނަލްގެ ސީއޯއޯ ގިލްސް ކްރަޓައިލާޒް ވިދާޅުވީ އެ ކުންފުނިން އަލަށް ހަވާލުވި ރިސޯޓާ އެކު އެކުންފުނިން ރާއްޖޭގައި ދޭ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށެވެ.

ޕާލް އެޓޯލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފެން ޖިއާންލިން ވިދާޅުވީ އެ ކުންފުނިން ރާއްޖޭގައި ހުޅުވާ ފުރަތަަމަ ރިސޯޓަކީ ޑުސިތުގެ މެނޭޖްމަންޓާ އެކު ކާމިޔާބު ވާނެ މަޝްރޫއަކަށް ވެގެންދާނެ ކަމަށެވެ.

ދިވެހިންނަށް ދަތުރު ދެވޭ ގޮތަށް ފުލުހުންގެ ބޭނުންތަކަށް ފޭދޫފިނޮޅު ކުރިން ހަވާލުކޮށްފައި ވަނިކޮށް މިރަށުގައި ރިސޯޓް ހަދަން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ.