އީޕީއޭ

ހުޅުދޫ ބަނދަރު ނިމެނީ، މަސައްކަތް ހުއްޓުވައިފި

ހުޅުދު އާއި ހުޅުމީދޫ ބަނދަރުގެ ބިން ހިއްކުމާއި ފަޅު ކޮނުމުގެ މަަސައްކަތް ހުއްޓާލަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

އީޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަށް ޖޫން 28، 2020 ގައި ދޫކޮށްފައިވާ -- ސ. ހުޅުމީދޫ ބަނދަރު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް -- ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓް ގަބޫލުކުރި ކަމުގެ ލިޔުމާއި ހިލާފަށް މަސައްކަތް ކުރަމުންދާތީ މި މަސައްކަތުގެ ބިން ހިއްކުމާއި ފަޅު ކޮނުމުގެ އެންމެހާ މަސައްކަތް ހުއްޓާލަން އަންގާފައިވާ ކަމަށެވެ.

އެ އެންގުން އެންގީ "ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާއި ބެހޭ ގަވާއިދު" ގެ ދަށުން ކަމަށްވެސް ބުންޏެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ކުރަމުންދާ މި މަސައްކަތުގެ ދަށުން ހުޅުދޫ ބަނދަރުގެ 88 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.