ލައިފްސްޓައިލް

ފަސް ފަހަރަށް އެއްމާބަނޑު ދެބެން ވިހޭމަ އަނބިމީހާ ކުށްވެރިވެއްޖެ

ފިރިހެނަކު އޭނާގެ އަންހެނުން ކުށްވެރިކޮށް އޭނާ ދޫކޮށްލަން މޮޅު ބަހަނާއެއް ދައްކައިފި އެވެ. އަންހެނުން ދޫކޮށްލާފައި ގެއިން ނުކުމެގެން ދާން ފިރިހެންމީހާ ދެއްކި ބަހަނާ އަކީ އޭނާގެ އަންހެނުން ޖެހިޖެހިގެން ފަސް ފަހަރަށް އެއްމާބަނޑު ދެބެން ވިހެއުމުން އެއީ "ހަމަ" އަންހެނެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ޔޫގެންޑާގެ ނަލަންގޯ ގްލޯރިއާ އާއި ފިރިމީހާ ސްލޮންގޯގެ ނުވަ ވަނަ އަދި 10 ވަނަ ދަރި ވިހަން ބަނޑުގައި ރިހި ރިހި އޮއްވާ ސްލޮންގޯ ވަނީ އޭނާގެ އަންހެނުންނަކީ "އެބްނޯމަލް" މީހެއް ކަމަށް ބުނެ އޭނާ ދޫކޮށްލާފަ އެވެ.

ގްލޯރިއާ ބުނި ގޮތުގައި އޭނާ މިހާރު ދިރިއުޅޭ ރަށް ކަމަށްވާ ކަމްޕާލާ އަށް އައީ ގޭގޭގައި މަސައްކަތް ކޮށްދީގެން އާމްދަނީ ހޯދާށެވެ. ސްލޮންގޯ އަކީ އޭނާއަށް އެ ރަށުން ބައްދަލުވީ މީހެކެވެ.

"މިހާ ގިނަ ދަރިން ލިބިގެން އަހަރެން ހިތާމައެއް ނުކުރަން. އެކަމަކު އެ ކުދިންގެ ބައްޕަ އެކުދިން ދެކެ ރުޅިއަންނަ ކަން އަހަންނަށް އެނގޭ. އެހެންވެ ފިރިމީހާގެ ގެއިން ނުކުމެގެން ދާއިރު ކުދިން ބައިތިއްބަން ބޭނުން ނޫނީ. ކިތަންމެ ގޮންޖެހުންތައް ގިނަޔަސް އަހަރެންގެ ދަރިން އަހަންނަށް ވީ ހާލެއްގައި ބަލާނަން. އަހަންނަށް އެނގޭ ކަލާންގެ ކޮންމެވެސް މަގެއް ދައްކަވާނެކަން،" ގްލޯރިއާ ބުންޏެވެ.

ގްލޯރިއާ ބުނި ގޮތުގައި އޭނާގެ ދޮށީ ކުދިންގެ ތެރެއިން ބައެއް ކުދިން މިހާރު މަސައްކަތްކުރަން އެހެން ހިސާބުތަކަށް ހިނގައްޖެ އެވެ. އަދި ލިބުނު 10 ދަރިންގެ ތެރެއިން އެއް ކުއްޖަކު ވަނީ މަރުވެފައި ކަމަށް ވެސް އޭނާ ބުންޏެވެ.