މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ތަރުޖަމާން އިސްތިއުފާ ދީފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ތަރުޖަމާން އަސްރާ އަހުމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އަސްރާ ވިދާޅުވީ އެމްއެންޕީގެ ތަރުޖަމާންގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިވަގުތު ރާއްޖޭގައި ހުންނެވެން ނެތުމުން ކަމަށެވެ. ކިޔެވުމަށް ކުރިއަށް އޮތް އަހަރުތަކުގައި އަސްރާ ދިރިއުޅުއްވާނީ ރާއްޖެއިން ބޭރުގައެވެ.

އިތުބާރު ކުރައްވާ އެފަދަ މަގާމެއް އޭނާއަށް ހަވާލުކުރެެއްވީތީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްއަށް އަސްރާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަސްރާ ވިދާޅުވީ އެމްއެންޕީގައި ހޭދަ ކުރެވުނު މުއްދަތުގައި ކުރެވުނީ ވަރަށް މުހިންމު ތަޖުރިބާއެއް ކަމަށެވެ.

އަސްރާ ފާހަގަ ކުރެވިފައިވަނީ ސިޔާސީ މައިދާނުން މި ފަހުން ފެނުނު ވަރަށް ހަރަކާތްތެރި އަންހެން ލީޑަރެއްގެ ގޮތުގައެވެ. އާންމުންގެ ތެރޭގައި އެމްއެންޕީ މަގުބޫލުވުމުގައި އަސްރާގެ ދައުރު ވަރަށް ބޮޑެވެ.