ދިވެހިން ދަތުރުދާން ތަރައްގީ ކުރަން ޕިކްނިކް އައިލެންޑް ކުޑަގިރި ފެހި ކުރުމުގެ މަސައްކަތުގައި އެލައިޑް އިންޝުއަރެންސުގެ މުވައްޒަފުން ބައިވެރި ވެއްޖެ އެވެ.
އެލައިޑް އިންޝުއަރެންސުން ބުނީ މިނިވަން ދުވަހު ހުޅުވަން މަސައްކަތް ކުރާ އެމްޓީސީސީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑެ ކުޑަގިރީގެ އެންމެ ފަހުގެ ތައްޔާރީތަކުގައި އެލައިޑް އިންޝުއަރަންސް ކުންފުނިން ބައިވެރިވެފައިވާ ކަމަށެވެ.
އެލައިޑުގެ އިޖްތިމާއީ ޒިންމާގެ އޮނިގަނޑަށް ހާއްސަ "ގްރީން ފޯ ގުޑް" ގެ ދަށުން، އެލައިޑްގެ މުވައްޒަފުން ވަނީ އަމަލީގޮތުން ކުޑަގިރި ފެހިކުރުމުގެ މަސައްކަތުގައި ބައިވެރިވެފަ އެވެ. ގަސްއިންދުމުގެ މި ހަރަކާތުގައި އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ހިމެނޭ ގޮތަށް 60 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައި ވެއެވެ.
މި މަސައްކަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރަންސް ކުންފުނިން ވަނީ އެމްޓީސީސީ އާއި ސަރުކާރުގެ އެހެނިހެން ވުޒާރާތައް ގުޅިގެން ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ މި ފުރިހަމަ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ދިން ކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކުންފުނީގެ މިފަދަ އިސްނެގުންތަކުގައި ހީވާގި މުވައްޒަފުން ނުކުމެ ނަމޫނާ ދައްކަމުންދިޔުމާއި މެދު އުފާކުރާ ކަމުގައި އެލައިޑުން ފާހަގަކުރެ އެވެ.
މީގެ އިތުރުން، އެލައިޑުގެ އުއްމީދަކީ މުސްތަގުބަލުގައިވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ އެކި ގޮފިތަކުގެ ތެރެއިން އާންމުންނަށާއި ތިމާވެއްޓަށް މުހިންމު މަސައްކަތްތަކެއްކޮށްދީ، އާންމުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތާއި އެއް ފެންވަރުގެ އޮނިގަނޑެއް އިޖްތިމާއީ މަސައްކަތްތަކުގައި ވެސް އެކުލަވާލުން ކަމުގައި އެލައިޑުން މައުލޫމާތު ދެ އެވެ.
ތިމާވެށީގެ މައްސަލަތަކަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަކަށް ވާއިރު ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް އެލައިޑުން އަބަދު ވެސް އަހައްމިއްޔަތުކަންދެ އެވެ. އެގޮތުން ހިދުމަތް ދިނުމުގައި ޕޭޕަރލެސް ގޮތްތައް ހިޔާރުކޮށް، ޒަމާނީ ޑިޖިޓަލް ވަސީލަތްތަކަށް އާންމުން އަހުލުވެރި ކުރުވާ، އޮފީސް މާހައުލުގައިވެސް ތިމާވެއްޓާއި ރައްޓެހި އުސޫލުތަކަށް އިސްކަންދިނުމަށް 2019 ވަނަ އަހަރު ވަނީ "ގްރީން ފޯ ގުޑް"ގެ ނަމުގައި ޕްލެޖްތަކެއް އިފްތިތާހުކޮށްފައެވެ. އަދި މިޕްލެޖްތައް މެދުވެރިކޮށް ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމުގައި އެލައިޑުން ދަނީ ޒިންމާދާރުކަމާއި އެކު ސާބިތުކަން ދައްކަމުންނެވެ.