ހައިކޯޓް

މުހައްމަދު ހައްޔަރުކުރި މައްސަލަ ބަލައެއް ނުގަތް

Jul 24, 2022

ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހައްޔަރުކުރި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި އެވެ.

މައްސަލަ ބަލައިނުގަތުމަށް ނިންމީ ހައިކޯޓުގެ ރަޖިސްޓްރާ އެވެ. މައްސަލަ ހުށަހެޅި ފަރާތަށް ރަޖިސްޓްރާގެ ނިންމުން ދިރާސާކޮށްދިނުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

މުހައްމަދު އިސްމާއީލްގެ ވަކީލް އަލީ ޝާހް މިއަދު އަވަސްއަށް ވިދާޅުވީ މައްސަލަ ބަލައިނުގަތުމަށް ނިންމި ކަމަށް ކޯޓުން އޭނާ އަށް އަދި އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް ކޯޓުގެ ވެބްސައިޓްގައި ވަނީ މުހައްމަދު އިސްމާއީލް ބަންދުކުރި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމަވާފައިވާ ކަމަށް ހާމަކުރައްވާފަ އެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތައް ހުއްޓުވައި ހަމަނުޖެހުން ހިންގުމާ ގުޅިގެން އެކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި މުހައްމަދު އިސްމާއީލް ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 21 ވަަނަ ދުވަހު އެވެ. މައްސަލައިގެ ތުހުމަތުގައި މުހައްމަދު އިސްމާއީލް ހައްޔަރު ކުރީ ކާނިވާގެ، ކެފާއެއްގައި ސައިބޯން އިންދާ މިދިޔަ ޖޫން 22 ވަނަ ދުވަހުގެ ހަވީރު އެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އޭގެ ފަހުން އިތުރު ނުވަ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު އޭނާގެ ބަންދަށް ތިންވަނަ ފަހަރަށް 30 ދުވަހުގެ މުއްދަތު ޖެހީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.

މުހައްމަދު އިސްމާއީލަކީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެ ހަރަކާތް ރާވާ ހިންގާ އިސް ފަރާތަކީ ވެސް މުހައްމަދު އިސްމާއީލް ކަމަށް ތުހުމަތުކޮށް އެކި ފަހަރު މީގެކުރިންވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.

ޔޯގާ ހަރަކާތް ހުއްޓުވުމުގައިވެސް މުހައްމަދުގެ ދައުރެއް އޮތް ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މީހުންގެ އަތުގައި ހުރި ދިދަތަކަކީ ޕީޕީއެމުގެ އޮފީހުން ނެރެގެން ގެންދިޔަ ދިދަ ތަކެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ދިދަތައް އިހުތިޖާޖުގެ ބައިވެރީންނަށް ދޫކުރީ މުހައްމަދު އިސްވެ ހުރެ ކަމަށްވެސް ތުހުމަތު ކުރެއެވެ.

ޔޯގާ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ބައެއް މީހުން މިހާރު ދޫކޮށްލާފައިވާއިރު މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިޔާ ޝައިހް ފަޒްލޫން މިމަހުގެ 21 ވަނަ ދުވަހު ބަންދުން ދޫކޮށްލާފަ އެވެ. ނަމަވެސް ޝައިހް ނިޝާން އަދިިވެސް ހުންނެވީ ބަންދުގަ އެވެ.