ޑރ. މުހައްމަދު ޖަމީލް އަހުމަދު

ދިވެހީން ބިކަވެއްޖެ، ގޮތް ނިންމަނީ ބޭރު ބައެއް: ޖަމީލް

ދިވެހިން އަމިއްލަ ގައުމުގައި ބިކަވެއްޖެ ކަމާށާ ރާއްޖޭގެ ކަންކަމުގައި މިއަދު ގޮތް ނިންމަނީ ބޭރު ބައެއް ކަމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހާއި ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ކަމެއް ދިވެހިންނަށް އެނގޭ ކަމަކަށް ސަރުކާރުން ނުދެކޭ ކަމަށެވެެ. އަދި އެންމެ ފަހުން ގާނޫނުތައް ބަދަލުކޮށްގެން ސިޔާސަތުތަކަށް ބޯލަނބަން މަޖުބޫރު ކުރުވަމުންދާ ކަމަށެވެ. ރާއްޖެއިން މިއަދު އިސްތިއުމާރީންގެ ހުރިހާ ސިފަތަކެއް ފެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ދިވެހިން އަމިއްލަ ގައުމުގައި ބިކަވެއްޖެ. ގޮތް ނިންމަނީ ބޭރު ބައެއް. އެއްވެސް ކަމެއް ދިވެހިންނަށް އެނގޭކަމަކަށް ނުވޭ. އިސްތިއުމާރީންގެ ހުރިހާ ސިފަތަކެއް އެބަ ފެނޭ،" ޖަމީލް ވިދާޅުވިއެވެ.

މިދިޔަ ހަތަރު ސަރުކާރުގައިވެސް އިސް މަގާމުތަކެއް ފުރުއްވި ޖަމީލް ވިދާޅުވި ގޮތުގައި ގައުމަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން މި ވެރިކަމުގައި ދަނީ ފެންނަމުން ކަމަށެވެ. އެއީ ވަކި ގައުމެއް ރުއްސަން ސިޔާދަތު ގުރުބާން ކުރުން ކަމަށް ވިދާޅުވިއެވެ. އަދި ވަކި ގައުމެއްގެ މައްޗަށް ގާނޫނު ނުހިނގާ ކަމަށާ ރާއްޖޭގައި ކިތަންމެ ކުށެއް ކުރިޔަސް އެ ގައުމުގެ މީހަކަށް ވީތީ ފިޔަވަޅެއް ނޭޅޭ ކަމަށެވެ. އޭގެ ބަދަލުގައި އެމީހުންގެ އެންގުމަށް އަމިއްލަ ރައްޔިތުންނަށް އަނިޔާ ދެމުންދާ ކަަމަށް ވިދާޅުވިއެވެ.

ޖަމީލް އެ އިޝާރާތް ކުރައްވަނީ އިންޑިއާއަށް ކަމަށް ބެލެވެއެވެ. ޖަމީލް ވަނީ ނިވަން ގައުމެއްގެ ސިޔާދަތަށާއި މިނިވަންކަމަށް ޣައްދާރުވުމަށް ވުރެ ވަކިން ބޮޑު ގައުމުގެ ވެރި މީހާއަށް ކުރެވޭނެތޯ ސުވާލު ކުރައްވާފައެވެ. އަދި ރައީސް ސޯލިހަކީ ބޭރު ގައުމަކުން ކޮންޓްރޯލް ކުރާ ވެރިއަކަށް ވެ ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

"ވެރިޔަކު މިނިވަން ގައުމެއްގެ ސިޔާދަތަށާއި މިނިވަންކަމަށް ޣައްދާރުވުމަށް ވުރެ ވަކިން ބޮޑު ކުށެއް އޮންނާނެތޯ. ރައީސް ސޯލިހަކީ ބޭރު ބައެއްގެ ގޮނޑި ކޮއްކޮއެއް. ލޯމަރައިގެން ތިބެން ހެޔޮ ނުވާނެ،" ޖަމީލްގެ ޓްވީޓްގައި ވިދާޅުވިއެވެ.