މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ދިވެހި ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެ

Jul 27, 2022

ރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އިން ދިޔަ ހުރިހާ ހައްޖާޖީން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ހައްޖުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނެވެ.

ހައްޖުވެރިންގެ ފަހު ގުރޫޕް މިއަދު ރާއްޖެ އައިސްފައިވާއިރު ފުރަތަމަ ގުރޫޕް ރާއްޖެ އައީ މިމަހުގެ 20 ވަނަ ދުވަހު އެވެ. ދެވަނަ ގުރޫޕް ރާއްޖެ އައީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންވެސް ރާއްޖެ އައީ ސައުދި އަރަބިއްޔާގެ ގައުމީ އެއާލައިން "ސައުދިއާ" އިންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ދިވެހިންގެ ހާލުވެސް އާންމުކޮށް ރަނގަޅު ކަމަށެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ. ހުރިހާ ކޯޓާއެއް ވެސް ސަރުކާރުން ދިނީ ސަރުކާރުގެ ކުންފުނި -- ހައްޖު ކޯޕަރޭޝަނަށެވެ.

އަމީރުލް ހައްޖުގެ ގޮތުގައި ދިވެހި ސަރުކާރުން މިއަހަރު އައްޔަންކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ.