ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވިޒިޓް މޯލްޑިވްސް ޕްރޯ ރައީސް އިފްތިތާހުކޮށްދެއްވައިފި

Jul 29, 2022

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ރާއްޖޭގެ ލެގު "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

ދުނިޔޭގެ 12 ގައުމެއްގެ ބޮޑީބޯޑަރުން ބައިވެރިވާ މި މުބާރާތް ކުރިއަށްދަނީ މާލޭގެ ރާޅުގަނޑު ސަރަހައްދުގަ އެވެ.

ރާއްޖޭގެ ގައުމީ ޖޫނިއާ ޓީމުގެ ހަތަރު ބޮޑީބޯޑަރުންނާއި، ސީނިއާ ޓީމުގެ ހަތަރު ބޮޑީބޯޑަރުން ވެސް ބައިވެރިވާ މި މުބާރާތް ކުރިއަށް އޮތް އޯގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނަ އަންހެން އަދި ފިރިހެން ބޮޑީބޯޑަރުން ވެސް ވާދަކުރާ މި މުބާރާތަކީ އޭޝިއާ ސަރަހައްދުގައިވެސް ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ސެކެޓްރީ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ މި މުބާރާތް ރާއްޖޭގައި ބޭއްވިގެން މިދަނީ 2020 ވަނަ އަހަރުން ފެށިގެން ކުރެވުނު މަސައްކަތްތަކެއްގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ދެއްވި އެއްބާރުލުމާ އެކު ކަމަށެވެ.

ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްދާ އަދި 70،000 ޑޮލަރުގެ އިނާމެއް ދިނުމަށް ނިންމާފައިވާ ވިޒިޓް މޯލްޑިވްސް ޕްރޯގެ ޓައިޓަލް ސްޕޮންސަރު އަދި ޑެސްޓިނޭޝަން ޕާޓްނަރަކީވެސް ވިޒިޓް މޯލްޑިވްސް އެވެ.