އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ބަންގަލްދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމައިފި އެވެ.
މައްސަލަ ބަލައިނުގަތުމަށް ނިންމީ ހައިކޯޓުގެ ރަޖިސްޓްރާ އެވެ. މައްސަލަ ހުށަހެޅި ފަރާތަށް ރަޖިސްޓްރާގެ ނިންމުން ދިރާސާކޮށްދިނުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ ހުކުމެއް ނިހާއީ ހުކުމަކަށް ވާނީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ މައްސަލައެއް އިސްތިއުނާފް ކުރުމުން އެކަމާ ބެހޭ އުސޫލުތަކުގެ ތެރެއިން އިސްތިއުނާފުގެ މަރުހަލާތައް ނިމުމުން ނުވަތަ ހުކުމާމެދު ދެ ފަރާތުން ކުރެ ފަރާތަކުން އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި މައްސަލަ އިސްތިއުނާފް ނުކޮށް އޮއްވައި އިސްތިއުނާފުގެ މުއްދަތު ހަމަވުމުން ކަމަށެވެ.
ގާނޫނުލް އުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ ކުށްވެރިޔަކު މެރުމަށް ކޯޓުން ހުކުމެއް ކޮށްފިނަމަ އެ ހުކުމުގައިވާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށެވެ. ގާނޫނުގެ މި މާއްދާއާއި ހަވާލާދީ ސުޕްރީމް ކޯޓުން ކަނޑައެޅި ނިންމުމެއްގައި ވަނީ މަރުގެ ހުކުމް އަންނަ މީހުންގެ މައްސަލަ އެފަރާތަކުން އިސްތިއުނާފް ނުކޮށްފިނަމަ އެ މައްސަލައެއް އޭގެ ޒާތުގައި އިސްތިއުނާފް ކުރުމަށް މަތީ މަރުހަލާގެ ކޯޓަށް ޕްރޮސިކިއުޓާ ޖެނެރަލް ހުށަހަޅަންވާނެ ކަމަށެވެ.
ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ މި މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅާފައިވަނީ ޖިނާއީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވިފަހުން ކަމަށާއި އެހެންވެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށެވެ.
ދަށު ކޯޓުގެ ހުކުމް 60 ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފް ކުރަންޖެހެ އެވެ. ނަމަވެސް ޕީޖީ އޮފީހުން ދަށު ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ހުށަހެޅީ މިމަހުގެ އެއްވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުން ސާލިމްގެ މައްޗަށް މަރުގެ ހުކުމް އިއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. އޭނާ އަކީ ރާއްޖޭގައި މަރުގެ ހުކުމެއް އިއްވި ފުރަތަމަ ބިދޭސީ މީހާ އެވެ.
މަހުމޫދު މަރާލި ކަމަށް ސާލިމް ވަނީ ޝަރީއަތުގައި އިއުތިރާފްވެފަ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވުމުން ވާރިސުންގެ ބަސް ނެގުމަށް ބޭއްވި އަޑުއެހުމުގައި މަހުމޫދުގެ ވާރިސުންގެ ގޮތުގައި ތިބި ހަތް މީހުން ވަނީ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށާއި، މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އުމުރުން 57 އަހަރުގެ މަހުމޫދު މަރާލީ މަހުމޫދު ކައިރިން ސާލިމް ފައިސާ އަށް އެދުމުން އެކަމަށް އިންކާރުކުރުމާ ގުޅިގެން ހިނގި ކުރިމަތިލުމަކަށްފަހު އެވެ. މަހުމޫދުގެ ކަރަށާއި، ބޮލަށް އަދި މެޔަށް ވަޅިޔަކުން އަދި ކޮޅުތޫނު ދަގަނޑުބުރިއަކާއި އިތުރު ދެ ދަގަނޑުބުރިން ވަނީ ހަމަލާ ދީފަ އެވެ.
މަހުމޫދު މަރާލާފައި އޮއްވާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފެނުނީ އެރަށު ގެއެއްގައި ހުރި ވަޅަކުންނެވެ.