ދުނިޔެ

އެކައުންޓެއްގައި ހުރި ފައިސާ ދޫނުކުރުމުން ބޭންކު މުވައްޒަފުން ރަހީނުކޮށްފި

ލުބްނާންގައި ސަރުކާރުން ހިންގާ ބޭންކަކަށް ބަޑި ހިފައިގެން މީހަކު ވަދެ ފަސް މުވައްޒަފު ރަހީނުކޮށް އޭނާގެ އެކައުންޓްގައި ހުރި 200،000 ޑޮަލަރު ދޫކުރަން އެދެފި އެވެ. ރަހީނުންގެ ތެރޭގައި ބޭންކުގެ މެނޭޖަރު ހަސަން ހަލާވީ ވެސް ހިމެނެ އެވެ.

ބައްސާމް އައްޝެއިޚް ހުސައިން، 42، ބޭންކަށް ވަދަ އަޑުގަދަކޮށް އޭނާގެ އެކައުންޓްގައި ހުރި ފައިސާ ދޫކުރަން އެދުމުން ކައުންޓަރުގައި ތިބި މުވައްޒަފުން އެކަމަށް ދެކޮޅު ހެދި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.

އާއިލާގެ ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބުމުން ފައިސާ ދައްކާނެ ގޮތެއް ނެތް ކަމަށް އޭނާ ބުނި ކަމަށް އެ ވަގުތު ބޭނުންކުގައި ހުރި މީހަކު ބުންޏެވެ.

އޭނާއަށް ފައިސާ ލިބޭނެ އެހެން ގޮތެއް ނެތުމުން ތަޅުންގަޑަށް ޕެޓްރޯލް އަޅައި ބަޑިއަށް އިޝާރާތްކޮށް ރޯކޮށްލާނެ ކަމަށް ބުނެ ބޭނުންކުގެ މުވައްޒަފުންނަށް ވަނީ ބިރުދައްކާފަ އެވެ.

އޮފިޝަލުން ބުނާ ގޮތުން ބައްސާމް އެންމެ ފުރަތަ އަސީރުން ގޮތުގައި އަށް މީހަކު ހިފެހެއްޓި ނަމަވެސް، ތިން މީހުން ދޫކޮށްލި އެވެ.

ލުބްނާން 2019 ގައި އިގުތިސޯދީ ގޮތުން ހާލުދެރަވެ ބޭރު ފައިސާއަށް ޖެހިފައި އޮތް ވަރުން އާންމު ރައްޔިތުންގެ އެކައުންޓްތަކުގައި ހުރި ބޭރު ފައިސާ ހިފަހައްޓަން މަރުކަޒީ ބޭންކުން އަމުރެއް ނެރުނެވެ.

ލުބްނާންގައި ހިންގާ ބޭންކުތަކުން މިހާތަނަށް އަމަލުކުރަން އައިސްފައިވަނީ މަރުކަޒީ ބޭންކުގެ އެންގުމާ އެއްގޮތަށެވެ.

ބޭނުންކުގެ މެނޭޖުމަންޓުން ބައްސާމްއާ މަޝްވަރާކޮށް ބިރުދެއްކުން ހުއްޓާލުމަށް އެދުނެވެ. އަދި އޭނާގެ އެކައުންޓުން ކޮންމެވެސް ވަރަކަށް ފައިސާ ދޫކުރުމަށްވެސް ބޭންކުން ފަހުން އެއްބަސްވި އެވެ.

އެހެން ނަމަވެސް 10،000 ޑޮލަރު ދޫކުރަން ވި އެއްބަސްވުން ބައްސާމް ގަބޫލެއް ނުކުރި އެވެ. އޭނާ ބޭނުންވީ އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއް ނެގުމަށެވެ.

ބައްސާމުގެ މި އަމަލަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށްވެ އެވެ. އެއީ ބައްސާމް ފަދައިން އެކައުންޓުން ފައިސާ ނުނެގިފައި ތިބި އެތައް ބަޔަކު އޭރު ވެސް ބޭންކުގައި ތިބުމުންނެވެ.

އާންމުގެ ޝަކުވާއަކަށް ވެފައި އޮތީ އެ މީހުންގެ އެކައުންޓްތަކުގައި ހުރި އެ މީހުންގެ އަމިއްލަ ފައިސާ ދޫކުރަން ބޭންކުން ދެކޮޅު ހެދުމެވެ.