ދުނިޔެ

ހިޒްބުﷲ ލީޑަރު އުޅޭނޫޅޭ ތަން ބުނެދިން މީހަކަށް ހަތް މިލިއަން ޑޮލަރު

ލުބްނާންގެ ވެރިރަށް ބޭރޫތުގައި ހުރި އެމެރިކާ އެމްބަސީއަށް އޭޕްރީލް 18، 1983 ގައި ދިން ޖާނުންފިދާވުމުގެ ހަމަލާއަށް 40 އަހަރު ފުރުނީ އެވެ.

މި ހަމަލާގައި ލުބްނާންގެ 32 މީހަކާއި އެމެރިކާގެ 17 މީހަކު އަދި އެމްބަސީއަށް ކަމުކިޔަން ގޮސް ތިބި 14 މީހަކު ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އެމެރިކާ ސިފައިން ވެސް ހިމެނެ އެވެ.

މި ހަމަލާގެ ޒިންމާ ހިޒްބުﷲ ޖަމާއަތުން އޮތީ ނަގާފަ އެވެ.

މި މުނާސަބަތު އިއްޔެ އެމެރިކާގައި ފާހަގަކޮށްފައިވާއިރު ދުނިޔެއަށް އެންމެ މުހިންމު ކަމަކަށް ވެފައިވަނީ ހިޒްބުﷲގެ ލީޑަރު އިބްރާހީމް އަޤީލްއާ ބެހޭ މައުލޫމާތު -- އޭނާ އުޅޭ ތަނަކާއި، އޭނާއާ ހަމައަށް ދެވިދާނެ ގޮތް އަދި އޭނާ ހައްޔަރުކޮށްގެން އެމެރިކާއަށް ގެންދިއުމަށް އެހީތެރިވެދިން މީހަކަށް ނުވަތަ ބަޔަކަށް ހަތް މިލިއަން ޑޮލަރުގެ އިނާމެއް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުށަހެޅުމެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ އިއުލާން ޓްވިޓާއަށް ވެސް އޮތީ ފޯރާފަ އެވެ. އޭގައި ބުނެފައިވާ ގޮތުން ތަހްސީންގެ ނަމުންވެސް އިބްރާހީމް އަގީލްއަށް ނަންދިވެފައި ވެއެވެ.

އިބްރާހީމް އަގީލް އަކީ ހިޒްބުﷲ ގައި އޮންނަ އަސްކަރީ ގޮތްޕެއް ކަމަށްވާ ޖިހާދު ކައުންސިލްގެ އިސް ވެރިޔާ އެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ހިޒްބުﷲ އިން ހިންގާ ޓެރަރިސްޓް ހަމަލާތައް ރޭވުމާއި މީހުން ތަމްރީންކުރުން އޮންނަނީ ތަހްސީންގެ ބެލުމުގެ ދަށުގަ އެވެ. އަދި ޖާނުންފިދާވުމާއި ކާރުބޮން ގޮއްވުން ފަދަ ހަމަލާތަކުގައި ބަޑިބޭސް ބޭނުންކުރަން ޖެހޭ ވަރުވެސް ކަނޑައަޅަނީ ޖިހާދު ކައުންސިލުންނެވެ.

ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާއަތެކެވެ. އެމެރިކާ އާއި ހުޅަނގުގެ ނިންމުމަކީ މިއީ އެވެ. ޔަމަނުގައި ހޫސީން ލައްވައި އަރަބި ގައުމުތަކާ ހަނގުރާމަ ކުރުވުމުގައިވެސް ހިޒްބުﷲގެ ރޭވުމާއި ފަންނުވެރިކަން ވަރަށް ބޮޑެވެ.

ހިޒްބުﷲ އަކީ އީރާންގެ ޕްރޮކްސީ އެކެވެ. އީރާނަށް ބޭނުންޖެހިފައި ހުންނަ ޕްރޮޖެކްޓައް ހިންގައިދިނުމުގައި ވެސް މި ޖަމާއަތުގެ ހަނގުރާމަވެރިން ބައިވެރިވެ އެވެ. އަދި އީރާނުން އަމުރު އަންނަ ގޮތަށް މަސައްކަތައް ތަންފީޒުކުރެ އެވެ.