ހޮލީވުޑް

ބްރިޓްނީގެ ހަޔާތަށް ސޯޝަލް މީޑިއާގެ ސަމާލުކަން

Aug 14, 2022

ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާޒްގެ މާޒީއަށް ބަލާއިރު އޭނާ އަކީ ވަރަށް ތަފާތު ކަންކަން ކުރާ އަދި އެކަންކަމުގެ ސަބަބުން މީހުންގެ ސަމާލުކަން އެކި ގޮތްގޮތުން ލިބޭ މީހެކެވެ.

ބްރިޓްނީ ކުރާ އެކި ކަންތައްތަކުގެ ސަބަބުން އާންމުންގެ ތައުރީފާ އެކު ފާޑުކިޔުން އޭނާ އަށް އަމާޒުވާ ފަހަރުވެސް މަދެއް ނޫނެވެ.

އެގޮތުން މިފަހުން ބްރިޓްނީއަށް ސަމާލުކަން ލިބުނީ އޭނާގެ ތިންވަނަ ކައިވެންޏާއި އެ ކައިވެނީގެ ހަފްލާއަށް ބްރިޓްނީގެ ކުރީގެ ފިރިމީހާ ޖޭސަން އެލެކްޒެންޑާ ގަދަކަމުން ވަދެ ހަމަނުޖެހުން ހިންގުމުން ޕޮލިހުން އެ މައްސަލަ ބަލަން ފެށުމުންނެވެ.

ބްރިޓްނީ ދެވަނައަށް ކައިވެނި ކުރި ކެވިން ފެޑެލައިން އަށް ލިބިފައިވާ ދެ ދަރިން ދެކެ ބްރިޓްނީ ރުޅިއައިސްގެން އެއްޗެތި ކިޔާތަން ފެންނަ ކުރީގެ ވީޑިއޯތަކެއް ކެވިން، ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން ވެސް އާންމުންގެ ސަމާލުކަން ބްރިޓިނީއަށް މިދުވަސްވަރު މިވަނީ ލިބިފަ އެވެ.

ބްރިޓްނީއާއި ކެވިން ވަރިވުމަށްފަހު، ބްރިޓްނީގެ ނަފްސާނީ ހާލަތު ދަށްވެ، ދެ ކުދިންނަށް ނުރައްކާތެރި މާހައުލެއް އޮތް ކަމަށް ފާހަގަކޮށް، އެ ދެ ކުދީން ވަނީ ކެވިންއާ ހަވާލުކޮށްފަ އެވެ.

ކެވިންގެ މި އަމަލާ ގުޅިގެން ބްރިޓްނީގެ ވަކީލު ވަނީ ކެވިންއަށް އެ ވީޑިއޯތައް ނެގުމަށް އަންގައި، އެފަދަ އަމަލެއްކޮށް ބްރިޓްނީ ބަދުނާމު ކުރަން އުޅޭކަމަށް ތުހުމަތުކޮށްފަ އެވެ.