ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ސޯލިހްގެ މައްޗަށް އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ކޯޓުން ނިންމުމާ ގުޅިގެން އޭނާ އަލުން ވަޒީފާއަށް ނިކުންނަވަން ފައްޓަވައިފި އެވެ.
ސޯލިހް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ގޭގައި މަޑުކުރަން އެންގެވީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއާ ގުޅިގެންނެވެ.
ސޯލިހްގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ. އެހެންވެ އަލުން ވަޒީފާއަށް ނިކުންނަވަން އެންގެވުމާ ގުޅިގެން މީގެ ދެ ހަފްތާއެއް ކުރިން ފެށިގެން ސޯލިހް ގެންދަވަނީ ވަޒީފާއަށް ނިކުންނަވަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރައްވާ އެންމެ ދުވަސްވީ އެއް މުވައްޒަފު -- ސޯލިހްގެ މައްޗަށް ދައުވާ އުފުލީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރި ކަމަށް ބުނި ބައެއް ރަށްތަކުގެ ތަހުގީގު ނުކުރާ ކަމަށް ބުނެ ސޯލިހް ސޮއިކުރައްވާ ބައެއް ފަރާތްތަކަށް ފޮނުއްވި ސިޓީތަކަކާ ގުޅިގެންނެވެ.
ސޯލިހްގެ ދިފާއީ ވަކީލުން އޭނާގެ ދިފާއުގައި ކޯޓުގައި ވިދާޅުވީ ދައުލަތުން ބުނާ ސިޓީ ތަކުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށެވެ. އަދި ސިޓީ ތަކުގައި ބުނާ ރަށްތަކުގެ ތަހުގީގެއް އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިއަށް ނުގެންދާ ކަމަށްވެސް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުގައި ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ކުށް ސާބިތުވާ ވަރުގެ ހެކި ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ބައެއް ހެކިވެރިން ވެސް ބުނެފައިވަނީ ސޯލިހު ފޮނުއްވި ސިޓީތަކުގައި ދައުލަތުން ބުނާ ރަށްތަކުގެ ލީސް ބަދަލުކުރުމާ ގުޅޭ ވާހަކަތަކެއް ދައްކަވާފައި ނުވާ ކަމަށެވެ. އެހެންވެ މައްސަލަ ބެއްލެވި ގާޒީ ވަނީ ދައުވާ ސާބިތު ނުވާ ކަމަށް ހުކުމްކޮށްފަ އެވެ.