ޑރ. މުހައްމަދު ޖަމީލް އަހުމަދު

ފެންނަނީ މުޅީންވެސް ހިޔާނާތް: ޖަމީލް

ސިޔާސީ މަގާމުތަކަށް ސަރުކާރުން ކުރާ ހަރަދު ހާމަކުރަން ދެކޮޅު ހަދާތީ ކުރީގެ ނާއިބު ރައީސް އަދި ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

ޖަމީލްގެ ފާޑުވިދާޅުވުން ސަރުކާރަށް އަމާޒު ކުރެއްވީ ބޭރު ގައުމުތަކުގައި ހުންނަ މިޝަންތަކަށް ދައުލަތުން ކުރާ ހޭދަ ބޮޑުތަނުން އިތުރުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައެވެ. މިޝަންތަކުގައި ތިއްބަވާ ވަކި ވަކި ބޭފުޅުންނަށް ދައުލަތުން ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ހޭދަ ކުރާކަން ވަނީ ހާމަވެފައެވެ.

އޭގެ ތެރެއިން ބައެއް މީހުންނަކީ މަގާމުގެ އެއްވެސް މަސްއޫލިއްޔަތެއް އަދި ޒިންމާއެއް އޮތް ބައެއް ނޫނެވެ. އެފަދަ ބަޔަކަށް ދައުލަތުން ބޮޑު ހަރަދެއް ކުރާތީ އާންމުންގެ ބޮޑު ފާޑުކިޔުމެއް އޮވެއެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ ސިޔާސީ މަގާމުތައް އިތުރުވެގެން ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް ސޯލިހް ވާހަކަ ދެއްކެވި ކަމަށެވެ. ސިޔާސީ މަގާމުތަކުގެ އަދަދު މަދު ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި ރައީސް ޔާމީްނގެ ވެރިކަމުގައި ސިޔާސީ މަގާމުތަކަށް ބޮޑު ހޭދައެއް ކުރައްވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ނަމަވެސް ޖަމީލް ވިދާޅުވި ގޮތުގައި މިއަދު ގެންނަނީ ރައްޔިތުންނަށްވީ ވައުދުތަކަށް ހިޔާނާތްތެރިވާ މަންޒަރެވެ. އަދި ސިޔާސީ މަގާމުތަކަށް ދައުލަތުން ކުރާ ބޮޑު ހޭދަ އާއި ހަރަދު ހާާމަކުރަން ސަރުކާރުން ދަނީ ދެކޮޅު ހަދަމުން ކަމަށް ވިދާޅުވިއެވެ. އެއީ ވަރަށް ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވިއެވެ.