އަސާސީ ހައްގުތައް ކަމަށްވާ ހިޔާލު ފާޅުކުރުމާއި އިހްތިޖާޖުކުރުން ފަދަ ހައްގުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހިފަހައްޓައި ނިގުޅައިގަތުމަކީ ގާނޫނުއަސާސީއާ ހިލާފް އަމަލެއް ކަމަށާ ރައީސް ސޯލިހް ނެރުއްވި ގަރާރުގެ މައްސަލަ ބެލޭނެ ދުވަހެއް އަންނާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ. ޖަމީލް ވިދާޅުވި ގޮތުގައި އެ މައްސަލަ ޝަރީއަތުން ބަލާ ދުވަހަކުން އެމަނިކުފާނަށް ބޮޑު ހުކުމެއް އަންނާނެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފުޅާކޮށް ބޮޑުކޮށްފަައިވާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ހުރިހާ ހަރަކާތްތައް ހުއްޓުވަން ކަމާގުޅޭ އިދާރާތަކަށް އަންގާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގަރާރެއް ނެރުއްވާފައެވެ. އެ ގަރާރަކީ ގާނޫނު އަސާސީ ހިލާފު ގަރާރެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ބައެއް ވަކީލުން ގެންދަވަނީ އެފަދަ ގަރާރެއް ސައްހަ ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ފާސް ކުރުން ކަމަށް ވިދާޅުވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ހަނި ނުކުރެވޭނެ ކަމަށްވެސް ގާނޫނީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެކަމަށް އިޝާރާތް ކުރައްވާ ކުރީން ޖަސްޓިން މިނިސްޓަރު ކަމާއި އިސް ގާޒީކަންވެސް ކުރެއްވި ގާނޫނީ ވަކީލް ވިދާޅުވީ ރައީސްގެ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއްތޯ ކުރެވޭ ބަހުސްގެ ޖަވާބު ވަރަށް ސާފު ކަމަށެވެ. ގާނޫނުއަސާސީގެ 299 ވަނަ މާއްދާގެ ދަށުން ގާނޫނުއަސާސީއާ ހިލާފް އެއްވެސް އަމަލެއް ރައީސަކަށްވެސް ނުކުރެވޭނެ ކަމަށާ 268 ވަނަ މާއްދާ ލާޒިމް ކުރަނީ ގާނޫނުއަސާސީ އަށް ގާނޫނުތައް ތަބާވުން ކަމަށެވެ.
އަދި ގާނޫނުއަސާސީގެ ހަތަރުވަނަ ވަނަ މާއްދާއިން ބާރުތަައް އޮތީ ރައްޔިތުންގެ އަތުގަައި ކަމަށް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ 115 ވަނަ މާއްދާ އާއި 114 ވަނަ މާއްދާއިން ރައީސްގެ ބާރުތަކާއި ހުވާ ލިބެނީ ގާނޫނުއަސާސީން ކަމަށެވެ. އެހެން ކަމަށްވީއިރު 127 ވަނަ މާއްދާގެ ދަށުން ރައީސްގެ ޖިނާއީ ތަހުގީގެއްއް މިހާރުވެސް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި މި ހާލަތުގައި ދައުވާ ފަސްކުރެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށެވެ.
"އަސާސީ ހައްގުތައް، ހިޔާލު ފާޅުކުރުން، އިހްތިޖާޖު ކުރުން ފަދަ ކަންތައް މިގޮތަށް ހިފަހައްޓައި ނިގުޅައިގަތުމަކީ ގާނޫނުއަސާސީއާ ހިލާފް އަމަލެއް. އިބްރާހިމް މުހައްމަދު ސޯލިހް [ރައީސުލްޖުމްހޫރިއްޔާ] ގެ މައްޗަށް ޝަރުއީ ބޮޑު ހުކުމެއް އަންނާނެ،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ރައީސް ސޯލިހްގެ މައްސަލަތައް ބެލޭނެ ދުވަހެއް އަންނާނެ ކަމަށާ އެމަނިކުފާނުގެ މައްޗަށް އެ ނޫންވެސް އެތައް ތުހުމަތެއް އެބައޮތް ކަަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ފާހަގަ ކުރެއްވިއެވެ.