ޑރ. މުހައްމަދު ޖަމީލް އަހުމަދު

ގާސިމަށް ޖަމީލް؛ އަމަލު ނުބައި ސަރުކާރަކާއެކު ތިބުމަކީ ވާގިވެރިވުން

ފާހިޝް އެންމެހާ ނުބައި އަމަލުތައް ހިންގާ ސަރުކާރަކާއެކު ތިބުމަކީ އެކަންކަމަށް ވާގިވެރިވުން ކަމަށާ އެފަދަ ބަޔަކަށް ވާގިވެރިވުން ހުއްދަ ނުވާނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަދި އިސްލާމީ ތައުލީމު އުނގެނިވަޑައިގެން ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ ދައުލަތުގައި މިހާރު ހިނގަމުންދާ މުންކަރާތްތަކުގެ ވާހަކަ ނުދެއްކިޔަސް ދައުލަތުގެ ތެރޭގައި ނަހީކުރެއްވި ކަންކަން ހިނގަމުން ދަނީ އެއްވެސް ލިމިޓެއް ނެތި ކަމަށް ވިދާޅުވެ އެކަމާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ސަރުކާރު ކޯލިޝަންގެ އެއް ޕާޓްނަރު ގާސިމް އިބްރާހިމް ވިދާޅުވުމާއި ގުޅިގެންނެވެ. ގާސިމް މިހެން ވިދާޅުވީ ރޭ އޮތް ޖުމްހޫރީ ޕާޓީގެ "ތައްޔާރު" ޖަލްސާގައެވެ.

ދިވެހީންގެ ބަޔަކު ބިދޭސީއަކާއެކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ދަނީ އާންމު ވަމުންނެވެ. ރޭ އޮތް ޖަލްސާގައި ގާސިމް ވަނީ އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ގާސިމް ވިދާޅުވި ގޮތުގައި ދައުލަތުގެ ތެރޭގައި ނަހީކުރެއްވި ކަންކަން ހިނގަމުން ދަނީ އެއްވެސް ލިމިޓެއް ނެތި އެވެ.

"އިސްލާމް ދީނުގެ އުސޫލުތަކާއި ކަންތައްތަކާއި ހިނގާ ކަންތައްތަކާއި އަދި އޭގެ އިތުރަށް މިހާރު ބޮޑެތި ސިންގާ ވެގެންވާ ކަންތައްތައް ނަހީކުރެއްވި ބޮޑެތި ބޮޑެތިވާ ކަންތައްތައް ހިނގަމުން އެދަނީ އެއް ވެސް ލިމިޓެއް ނެތް ގޮތުގައި،" ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ މިއީ ގައުމީ ފިކުރުގެ ހުރިހާ ސިޔާސީ ވެރީން އަތާއަތް ގުޅާލަން ޖެހޭ ވަގުތު ކަމަށެވެ. އަދި ކިތަންމެ ބޮޑު ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް ގައުމުގެ ހައްގުގައި ހައްގުގައި ތެދުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ފާހިޝް އެންމެހާ ނުބައި އަމަލުތައް ހިންގާ ސަރުކާރަކާއެކު ތިބުމަކީ ވާގިވެރިވުން. ކަށަވަރުންވެސް އެއީ ހުއްދަ ކަމެއް ނޫން،" ގާސިމްގެ އެޑްވައިޒަރަކަށްވެސް ކުރީން ހުންނެވި ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވަނީ މި ޓްވީޓާއެކު އެކަމުގެ މިސާލެއް ދެއްކެވުމުގެ ގޮތުން ކީރިތި ގުރުއާނުގެ އާޔަތަކާއި އެ އާޔަތުގެ މާނަވެސް ހިއްސާ ކުރައްވާފައެވެ. އެ އާޔަތުގަައި ވަނީ ހެޔޮކަންތައްތަކާއި ތަގުވާވެރިވުމަށް އެހީތެރިވުމަށާއި ފާފަވެރިވުމާއި އަދާވަތްތެރިވުމަށް އެހީތެރިނުވުމަށް އަންގަވާފައެވެ. އެ އާޔަތުގައި ވަނީ މާތްﷲ އަށް ތަގްވާވެރިވުމަށާއި އެކަލާންގެއީ އުގޫބާތް ގަދަފަދަ ވެގެންވާ ރަސްކަލާންގެ ކަމަށް ބަޔާން ކުރައްވާފައެވެ.