ޑރ. މުހައްމަދު ޖަމީލް އަހުމަދު

ކޯލިޝަންގެ ވެރިން ތިއްބެވީ ހިޔާލީ ދުނިޔެއެއްގައި: ޖަމީލް

ސަރުކާރު ކޯލިޝަންގެ ލީޑަރުން ތިއްބެވީ ހިޔާލީ ދުނިޔެއެއްގައި ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހަތަރު ސިޔާސީ ޕާޓީއަކުން ބައިވެރިވެއެވެ. އެއީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރްއެމް އެވެ. ރައީސް ސޯލިހްގެ ސަރުކާރުގައި ކޯލިޝަން ލީޑަރުންގެ ގޮތުގައި ތިއްބެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ އެވެ. ވެރިކަން ހިންގަވާނީ އެ ބޭފުޅުންގެ މަޝްވަރާގެ މަތިން ކަމަށާ ކޮންމެ މަހަކު އެއް ފަހަރު ލީޑަރުންގެ މަޝްވަރާތަކެއް ބާއްވަވާނެ ކަމަށްވެސް ރައީސް ސޯޯލިހް ވިދާޅުވިއެވެ. ނަމަވެސް އެ ބައްދަލްވުންތައް ނުބޭއްވޭތާ އެތައް މަސްތަކެއް ވަނީ ފާއިތުވެފައެވެ.

މީގެ އިތުުރުން ސަރުކާރު ހިންގަން ބޭނުންވަނީ އެމްޑީޕީން އެކަނި ކަމަށާ ރައްޔިތުންނަށް އެމްޑީޕީން ދޭން ބޭނުންވާ ހިދުމަތްތައް އެގޮތުގައި ދިނުމަށް އޮތް ހުރަހަކީވެސް ކޯލިޝަން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ކޯލިޝަނަށް ފާޑުވިދާޅުވަމުން ޖަމީލް މިއަދު ވިދާޅުވީ ކޯލިޝަން ސަރުކާރާއި ބެހޭގޮތުން ރައީސް ނަޝީދު އާ ވާހަކައެއް ވިދާޅެއް ނުވާ ކަމަށެވެ. މަޖިލިސް އިންތިޚާބުގައިވެސް ކޯލިޝަނެއް ނެތް ކަމަށާ ކައުންސިލް އިންތިޚާބްގައި އަމުދުން ކޯލިޝަން އަށް އެކުގައި ހިނގޭނެ މަގެއް ނެތް ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ކޯލިޝަންގެ ވެރިން ތިއްބެވީ ހިޔާލީ ދުނިޔެ އެއްގައި. ސިޔާސީ ބާރުވެރިކަމުން މަހްރޫމްވެ ނިމެނީ." ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައިވެސް ހުންނެވި ޖަމީލް ވިދާޅުވިއެވެ.

ވެރިކަމަށް އައުމަށް ސިޔާސީ ޕާޓީތަކުން އެއްބަސްވީ އެއްބަސްވުމުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގުޅިގެން ވާދަކުރުމާއި، 2019 ގައި މަޖިލީސް އިންތިހާބަށް އެކުއެކީގައި ނިކުތުމާއި 2020 ގައި ކައުންސިލްތަކުގެ ގޮނޑިތައް ހޯދަން އެކީގައި ތިބުމަށް ވައުދުވިއެވެ.

އެއްބަސްވުމާއި އެއްގޮތަށް 2019 ވަނަ އަހަރު ބޭއްވި މަޖިލީސް އިންތިހާބުގައި ޕާޓީތައް ގުޅިގެން ވާދަކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެވުނެވެ. ނަމަވެސް އެ މަޝްވަރާތައް ކާމިޔާބުނުވެ، ޕާޓީތަކުގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތައް އެއްގޮތް ކުރެއްވުމުގައި ރައީސް ސޯލިހަށްވެސް ކާމިޔާބު ހޯއްދެވޭ ގޮތެއް ނުވިއެވެ.

އެހެން ކަމުން މަޖިލީސް އިންތިހާބެކޭ އެއްގޮތަށް އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީންވެސް ކެންޑިޑޭޓުން ނެރެނީ ވަކިންނެވެ. އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ވަނީ ހުރިހާ ގޮނޑިތަކަކަށް ވާދަކުރަން ނިންމާފައެވެ. އަދި އަދާލަތު ޕާޓީއާއި އެމްއާރްއެމުން ވަނީ އެޕާޓީގެ ޓިކެޓަށް އެދެން ހުޅުވާލާފައެވެ.