ދުނިޔެ

މަދާޔާ އަށް އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވާ ޓީމުގެ ދަތުރު ފަސްކޮށްފި

ސީރިޔާގައި ހާލުގައި ޖެހި އެތައް ބަޔަކު ބަނޑަށް މަރުވަމުންދާ މަދާޔާ އަށް ކާބޯތަކެއްޗާއި ސިއްހީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ޓީމް އެއަވަށް ދިއުން ފަސްކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ދަނީ މަދާޔާގައި ހާލުގައި ޖެހިފައި ތިބި 40،000 މީހުންނަށް ކާބޯތަކެއްްޗާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ހިފައިގެން މަދާޔާއަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ. އަދި މާދަމާގެ ވަގުތެއްގައި އެމީހުން މަދާޔާއަށް ދާނެ ކަމަށް ހަބަރުތައް ބުނެއެވެ.

މަދާޔާ އަވަށުން މިހާރުވަނި ބުޅަލާއި މީދާ އެކަށް ހުސްވެފަ އެވެ. އަދި ގަސްގަހުގެ ފަތްތައްވެސް ވަނީ ވަރަށް މަދުވެފަ އެވެ. ކާނެ އެއްޗެއް ނެތިގެން މަދާޔާ އަވަށުގެ މީހުން މިދިޔަ ދުވަސްތަކުގައި ކެއުމަށް ބޭނުންކޮށްފައިވަނީ އެތަކެއްޗެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން މަދާޔާ އަވަށް ވަނީ ހާލުގައި ޖެހެން ފަށާފަ އެވެ. އެދުވަސްވަރު ސީރިޔާ ސަރުކާރާއި ހިޒްބުﷲ ޖަމާއަތާއި ދެމެދު އެއަވަށުގައި ކުރަމުންދިޔަ ހަނގުރާމަވެސް ވަނީ ހުއްޓާލުމަށްފަހު ސިފައިން ވަނީ އެއަވަށުން ފައިބާފަ އެވެ. އެހެން ނަމަވެސް އިންސާނިއްޔަތަށް މަސައްކަތްކުރާ މީހުން ވަނީ މަދާޔާ އަވަށަށް ވަނުމުގެ ހުއްދަދީފައެއް ނުވަ އެވެ.

މަދާޔާ އަވަށުގެ ވާހަކަތައް ދުނިޔޭގެ މީޑިއާގައި ފެތުރިގަތުމުން ސީރިއާގެ ސަރުކާރުން ވަނީ އިންސާނިއްޔަތަށް މަސައްކަތްކުރާ މީހުން ވަނީ މަދާޔާ އަވަށަށް ވަނުމުގެ ހުއްދަދީފައެވެ. އެއާއެކު އދ. އިން ވަނީ މީހުން ފޮނުވުމުގެ މަސައްކަތް ފަށާފައެވެ.

އދ. ގެ ރެފިއުޖީ އެޖެންސީގެ ޗީފް ސްޕޯކްޕާސަން މެލީސާ ފެލެމިން ވިދާޅުވާ ގޮތުގައި ސީރިއާގެ އެތައް ސަތޭކަ ހާސް މީހުންނެއް ދިރިއުޅެމުން ދަނީ މަދާޔާ އަވަށުގެ ރައްޔިތުން ދިރިއުޅެމުންދާ ފަދަ ހާލަތެއްގަ ކަމަށެވެ.

މަދާޔާ އަވަށުގެ ހާލަތު ފެނުމުން ގިނަ ބަޔެއްގެ ހިތްތަކަށް އަސަރުކޮށް، ސޯޝަލް މީޑިއާގައި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވަމުންދާ އުސޫލުން އަމަލީ ގޮތުން ވެސް މަދާޔާ އަވަށުގެ ރައްޔިތުންނަށް އެހީތެރިވާނެ ބަޔެއްވުމަކީ އެދެވޭ ކަމެކެވެ.

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުމަށް ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް އެ ހަމަނުޖެހުންތަކަށް ހައްލެއް އަދިވެސް ވަނީ ނުލިބިއެވެ. މި ހަމަނުޖެހުންތަކުގައި އެ ގައުމުގެ 250،000 އެއްހާ މީހުން މަރުވެފައިވާއިރު އެތައް މިލިއަން މީހުން ވަނީ ގައުމު ދޫކޮށް، ރެފިއުޖީންއަށްވެފަ އެވެ.