ތިން ބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމު ބަދަލު ކުރުމަށް ކުރާ މަސައްކަތާއި ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު، އަދި އެމްޑީޕީގެ ކިނބިދޫ ދާއިރާގެ މެންބަރު ނާޝިޒް ވިދާޅުވެއްޖެ އެވެ.
ނާޝިޒް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަަކަށް ކަމަށެވެ. އަދި ތިން ބާރު ވަކިކުރެވިފައިވާ މި ނިޒާމު ބަދަލުކޮށް ރައްޔިތުންގެ އަތުގައި އޮތް ބާރު މަޖިލީހުގެ މެންބަރުންގެ އަތަށް ނެގުމާއި ދެކޮޅު ކަމަށެވެ.
ބަރުލަމާނީ ނިޒާމުން ބާރުތައް މަސްހުނިވެ ގަނޑުވާނެ ކަމަށް ވިދާޅުވެ އެ ހާލަތަށް ރާއްޖެ ބަދަލު ކުރަން ނޭދޭ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް މަސައްކަތް ކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް އެފަދަ ގަރާރެއް ހުށައަޅާ އެ ގަރާރު ފާސްކޮށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވައެވެ.
ނަމަވެސް ރައީސް ސޯލިހް މިއަދު ވަނީ ނަޝީދުގެ ގަރާރަށް ތާއީދު ނުކުރައްވާ ކަމަށް ވަރަށް ސާފު ބަހުން ވިދާޅުވެފައެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމަށްވެސް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެދިވަޑައިގެންނެވީ ނަޝީދު ހުށައެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށެވެ.
ރައީސް ސޯލިހްްގެ ވިސްނުންފުޅު ހާމަކުރެއްވުމުގެ މިނިސްޓަރުންނާއި މަޖިލީސް މެންބަރުން ވެސް ގެންދަވަނީ އެ ބޭފުޅުންގެ ވިސްނުން ހާމަކުރައްވަމުންނެވެ.