ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތަށް ހުރަސް އަޅާ ނިޒާމީ ވޯޓަކަށް ފުރުސަތު ނުދީފިނަމަ ސަަރުކާރަށް އޮތް ތާއީދު ވަރަށް ބޮޑަށް ގެއްލޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެމްޑީޕީ ހަރުގޭގައި ކުރިއަށްދާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކަށް 135،000 މީހުން ވޯޓްދިން އިރު އޭގެ ތެރެއިން ލައްކައަށްވުރެ ގިނަ ރައްޔިތުންނަކީ އެމްޑީޕީއަށް ވޯޓް ދިން މީހުން ކަމަށެވެ. ދެން ހިމެނެނީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު އަދި އެމްއާރްއެމަށް ވޯޓް ދިން މެންބަރުން ކަމަށެވެ. ނަޝީދު ވިދާޅުވީ އެއީ ފެންނަން އޮތް ހަގީގަތް ކަމަށާ އެމްޑީޕީ އެކަނި އޮވެ ނިކުތަސް ރާއްޖޭގައި އެންމެ ގިނަ ވޯޓް ހޯދާނީ އަދިވެސް އެ ޕާޓީން ކަމަށެވެ.
އެމްޑީޕީ ބަދަހި ކަމުގައި އޮވެ އިންތިހާބާ ކުރިމަތިލައިފިނަމަ އަދިވެސް 112،000 ވޯޓް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެ ބަދަހިކަން އޮތުމަށް ނިޒާމީ ވޯޓަށް ފުރުސަތު ދިނުން މުހިންމު ކަމަށް ވިދާޅުވިއެވެ. އެ ފުރުސަތު ނުދީފިނަމަ 42 ޕަސެންޓް ވޯޓް ގެއްލޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު އަބަދުވެސް ހިސާބު ޖަހަނީ ސިޔާސީ ހަގީގަތަށް ބަލައިގެން. އަޅުގަނޑު ދެކޭ ގޮތުގައި އޮނިގަނޑުގެ ބަދަލާއި ނިޒާމީ ބަދަލު ނުގެނެވިއްޖެނަމަ އެމްޑީޕީގެ މެންބަރުންގެ ތެރެއިން 42 ޕަސެންޓް މެންބަރުން ސަރުކާރަކަށް ވޯޓެއް ނުދޭނެ. އެއީ 47،000 މީހުން . އެއްކަލަ 112،000 ހުން މި 47،000 ނެގީމަ ބާކީ ސަރުކާރަށް އޮތީ 65،000 ވޯޓް. އެއީ ޖުމްލަ ވޯޓްލާ މީހުންގެ 27 ޕަސެންޓް ވޯޓް. މިއީ ވިޔަ އަކުރުގެ ބޮޑު ހަގީގަތެއް. ހިސާބުން ވަަރަށް ސާފުކޮށް ފެންނަން އޮތް ބޮޑު ހަގީގަތެއް،" ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް މަސައްކަތް ކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް އެފަދަ ގަރާރެއް ހުށައަޅާ އެ ގަރާރު ފާސްކޮށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވައެވެ. އެ އުންމީދުތަކުގެ ތަފްސީލު ދެއްވުމަށް މިއަދު ވަނީ ހާއްސަ ނިއުސްކޮންފަރެންސްއެއްވެސް ބާއްވަވާފައެވެ.
ކޮންގްރެސްއަށް ނަޝީދު ހުށައަޅުއްވާ ގަރާރުގައި ވަނީ ސަރުކާރުގެ އެންމެ އިސްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބުގައި އެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރު ކަމުގައި ކަނޑައެޅުމަށާއި ދައުލަތުގެ އެންމެ މަތީވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަކު ކަނޑަ އަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓްގައި އެންމެ ގިނަ ވޯޓް ލިބޭ މީހާ ކަމަށް ކަނޑައެޅުމަށް ހުށައަޅުއްވާފައެވެ.
އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި ބޮޑުވަޒީރަކު ސަރުކާރު ހިންގާއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިދޭ ބާރުތަކާއި އަދާކުރަން ޖެހޭ މައްސޫލިއްޔަތުތައް ކަނޑައެޅުމާއި އަދި ރައްޔިތުންގެ މަޖިލީހުގައި ދާއިރާތަކުގެ މެންބަރުން ތަމްސީލުވާނޭ ގޮތްތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓްގެ ނިސްބަތަށް ބަލާ ޕާޓީތަކަށް ހާއްސަ ކުރެވޭ "ނެޝަނަލް ލިސްޓް" ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ވަނީ ހުށައަޅުއްވާފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު 87 އަށް ވުރެ އިތުރު ނުވާނެ ހަމައަކުން ރައްޔިތުންްގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ހިފެެހެއްޓިފައި އޮތުމަށާއި ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމަށް ކަނޑައެޅުމަށާއި އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދަކީ ފަސް ފަނޑިޔާރުން ކަަމަށް ކަނޑައެޅުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ.
ނަޝީދުގެ ގަރާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ގެންނަ ބަަދަލުތައް ކަނޑައެޅުމަށާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އަސާސީ ސިފަތައް ގާނޫނު އަސާސީގައި ކަނޑައެޅުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި ރާއްޖޭގައި ފެންނަން އޮންނަނީ ބަރުލަމާނީ ނިޒާމެއް ކަަމަށް ފާސްވެއްޖެ ނަމަ ގާނޫނު އަސާސީއަށް މި ބަދަލުތައް ގެނައުމަށް ވަނީ އެދިވަޑައިގެންފައެވެ.